21 Mar 2012, 01:24
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންގެ ކާރުކޮޅަށް ބަޔަކު މީހުން މިރޭ ގެއްލުންދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުއްތަމަ ފަޑިޔާރުގެ ކާރުކޮޅަށް ގެއްލުންދިނީ ނަލަހިޔާ ހޮޓަލް ހިމެނޭ ސަރަހައްދުން މިރޭ 1:00 ޖަހާކަށް ހާއިރު ދުއްވާފައި ދަނިކޮށް ކަމަށާއި އެ ހަމަލާގައި ކާރުގެ ފަހަތު ލައިޓްތައް ތަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ބުނީ ކާރަށް ގެއްލުންދިނީ އެވަގުތު އެ ސަރަހައްދުގައި ތިބި ބަޔަކު ކަމަށެވެ.
ހަމަލާ ދިން ވަގުތު އުއްތަމަ ފަނޑިޔާރު ކާރުކޮޅުގައި އިންނެވި ކަމެއް އަދި ސާފުވާގޮތެއްނުވެ އެވެ. އުއްތަމަ ފަނޑިޔާރުގެ ކާރުކޮޅަށް ހަމަލާ ދިނީ ފަނޑިޔާރުންނަށް ހަމަލާދިނުން ހުއްޓުވަން ސަލާމަތީ ބާރުތަކާއި ގާނޫނު އަސާސީން ހަވާލުކޮށްފައިވާ ޒިންމާ ފަސްޖެހުމެއް ނެތި އަދާކުރުމަށް ސުޕްރީމް ކޯޓުން ގޮވާލައި ބަޔާނެއް އާދީއްތަ ދުވަހު ނެރުއްވާފައި ވަނިކޮށެވެ. އަދި މިދިޔަ ހުކުރު ދުވަހު ޖޭއެއްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހަންމަދުގެ ކާރުގެ ބިއްލޫރިގަނޑެއް ވެސް ވަނީ ބަޔަކު ތަޅާލައިފަ ވަނިކޮށެވެ.