07 May 2022, 15:04
ލަންޑަން (7 މޭ 2022): އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެގައުމުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަށް އާދަޔާ ޚިލާފު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އިނގިރޭސިވިލާތުގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވި ސަރަހައްދުތަކުގެ ތެރެއިން ގިނަ ސަރަހައްދުތަކުގައި ކޮންޒަވެޓިވް ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާއިރު މީގެ ތެރޭގައި ފާއިތުވި ސާޅީހަކަށް އަހަރުތެރޭގައި އެޕާޓީން ކާމިޔާބު ހޯދަމުން ގެންދިޔަ ލަންޑަންގެ ކައުންސިލްތައްވެސް ހިމެނެއެވެ.
މިގޮތުން ލަންޑަންގެ ވެންޑްސްވޯތު ކައުންސިލާއި ވެސްޓްމިނިސްޓަ ކައުންސިލްއާއި ބޭނެޓް ކައުންސިލް ކޮންޒަވެޓިވް ޕާޓީއަށްވަނީ ގެއްލިފައެވެ. ލަންޑަންގެ ވެސްޓްމިންސްޓަ ކައުންސިލް އަކީ ޒަމާނުއްސުރެ ކޮންޒަވެޓިވް ޕާޓީން ކާމިޔާބުކުރަމުން އަންނަ ކައުންސިލަކަށްވީ ނަމަވެސް މިފަހަރު އެކައުންސިލްވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ލޭބާ ޕާޓީންނެވެ. މިއީ އިދިކޮޅު ލޭބާ ޕާޓީން އެ ކައުންސިލް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ބުނެއެވެ.
ވެސްޓްމިންސްޓަ ސަރަހައްދަކީ އިނގިރޭސިވިލާތުގެ ޕާލަމެންޓާއި ލަންޑަން ބްރިޖް އަދި ބިގްބެން ފަދަ ލަންޑަންގެ ޒަމާންވީ ލޭންޑްމާކްތަކާއި ރަސްމީ ބޮޑެތި މުއައްސަސާތައް ހުންނަ ގްރީންޒޯން ސަރަހައްދެވެ. މި ސަރަހައްދުގެ ކައުންސިލް ގެއްލުމުން ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. މިއީ ކޮންޒަވެޓިވް ޕާޓީއާމެދު ލަންޑަންގެ ރައްޔިތުން ނުރިހިފައި ތިބިމިންވަރު ހާމަވެެގެންދިޔަ ކަމެއްގެ ގޮތުގައި ލަންޑަންގެ ނޫސްތައްވަނީ ސިފަކޮށްފައެވެ.
މިނާކާމިޔާބީއާއެކު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ ވަރަށް ބޮޑަށް ލަދުވެތިވެވަޑައިގެންފައެވެ.
ލަންޑަންގެ ކައުންސިލްތަކުގެ އިތުރުން އިންތިޚާބު ބޭއްވި އިނގިރޭސިވިލާތުގެ ދެކުނުގެ ސަރަހައްދުތަކުގެ ކައުންސިލްތައްވެސް ކޮންޒަވެޓިވް ޕާޓީއަށްވަނީ ގެއްލިފައެވެ.
މިހާބޮޑު ނާކާމިޔާބީއަކާ ކޮންޒަވެޓިވް ޕާޓީ ކުރިމަތިލާން ޖެހިފައިމިވަނީ 2019 ވަނަ އަހަރު ބޭއްވި އިނގިރޭސި އާންމު އިންތިޚާބު ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ކޮންޒަވެޓިވް ޕާޓީން ކާމިޔާބުކޮށްފައިވަނިކޮށެވެ. އޭގެކުރިން ބޭއްވި އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ އެޕާޓީންނެވެ.
އިނގިރޭސި ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންޒަވެޓިވް ޕާޓީއަށް މިހާބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައިވަނީ އިނގިރޭސި ބޮޑުވަޒީރު އަދި ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ބޮރިސް ޖޯންސަންގެ އަމަލުތައް ހުންނަ ގޮތުން ކުރިން އޭނާއަށް އޮތް އާންމުންގެ ތާއީދު މިހާރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.
ޖޯންސަން އަށް އާންމުންގެ ތާއީދު ގެއްލުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިނގިރޭސިވިލާތުގައި ފުރަބަންދުގެ ފިޔަވަޅުތަކާ ގައިދުރުކަމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށް އެފިޔަވަޅުތަކަށް ގޮންޖައްސަވައި އެފިޔަވަޅުތަކާ ވަރަށް ބޮޑަށް ޖޯންސަން ޚިލާފުވެވަޑައިގަތުމާ ގުޅިގެންނެވެ.
ޖޯންސަންވަނީ އެދުވަސްވަރު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މީހުން އެއްކޮށްގެން ޕާޓީތައް ބޭއްވުންފަދަ ގާނޫނާއި ގަވައިދާ ޚިލާފު އެތައް އަމަލުތަކެއް ހިންގަވާފައެވެ. ޖޯންސަން ހިންގެވި މިއަމަލުތައް ބޭޒާރުވެ ޖޯންސަންދެކެ އާންމުންވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
މިމައްސަލާގައި ޖޯންސަންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްވެސް ޕާލަމެންޓްގެ ބައެއް މެންބަރުން ގޮވާލައްވާފައިވެއެވެ. ޖޯންސަންގެ މިއަމަލުތަކުގެ ސަބަބުން އޭނާ ވެވަޑައިގެންފައިވަނީ ބޮޑުވަޒީރުކަމުގައި ހުންނަވައިގެން އިނގިރޭސިވިލާތުގެ ގާނޫނާއި ގަވައިދާ ޚިލާފަށް އަމަލުކުރެއްވިކަން ސާބިތުވި ފުރަތަމަ ބޮޑުވަޒީރަށެވެ.