ކިއުބާގެ ވެރިރަށް ހަވާނާގައި ހުންނަ ލަގްޒަރީ ހޮޓަލެއްގައި ގޭސް ލީކުވުމުގެ ސަބަބުން ހިނގި ގޮވުމެއްގައި 22 މީހަކު މަރުވެއްޖެއެވެ.

އިއްޔެ އެ ހާދިސާ ހިނގީ ހަވާނާގައި ހުންނަ، 96 ކޮޓަރީގެ ހޮޓެލް ސަރަޓޯގާގައެވެ.

ކިއުބާގެ ގައުމީ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮޓެލް ގޮވީ އެ ހޮޓަލަށް ގުދުރަތީ ގޭސް ސަޕްލައި ކުރަމުން ދިޔަ ޓްރަކެއްގެ ސަބަބުންނެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވެއެވެ.

ހަވާނާގެ ގަވަރުނަރު ރެއިނާލްޑޯ ގަރްސިއާ ވިދާޅުވީ އެ ހާދިސާ ހިނގި ވަގުތު ހޮޓެލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އެހެންކަމުން އެވަގުތު ހޮޓަލުގައި އެއްވެސް ފަތުރުވެރިއަކު ނެތް ކަމަށެވެ.

އެ ހޮޓަލް މަރާމާތުކުރުމަށް ފަހު އަލުން ހުޅުވަން ނިންމާފައި އޮތީ މި ހަފުތާގެ އަންގާރަ ދުވަހުގައެވެ.

ކިއުބާގެ ހެލްތު މިނިސްޓްރީގެ ހޮސްޕިޓަލް ސާވިސަސްގެ ޗީފް ޑރ. ޖޫލިއޯ ގުއެރާ އިޒްކިއަޑޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ހާދިސާގައި 74 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 14 ކުޑަކުދިން ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ކިއުބާގެ ނެޝަނަލް ހެލްތު މިނިސްޓަރު ހޯޒޭ އޭންގަލް ޕޯޓަލް އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ހޮޓެލްގެ ފާރުތަކުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، ޒަޚަމްވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ސަބަބުން ކިއުބާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.