ކޮލަންބޯ (7 މޭ 2022): ރައްޔިތުން މަގުތަކަށް ނުކުމެ ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި އާދަޔާ ޚިލާފަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ގެންދާތީ ސަރުކާރު ވެއްޓިދާނެކަމުގެ ބިރުހީވުމާއެކު އަނެއްކާވެސް އެގައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ.

މިއީ ފާއިތުވި ފަސް ހަފްތާ ތެރޭގައި ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ދެވަނަ ފަހަރެވެ. ދެވަނަ ފަހަރަށް ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި މިވަނީ އެގައުމުގެ އެކި ކަންކޮޅުތަކުގައި އާދަޔާ ޚިލާފަށް ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ ގައުމު ހުއްޓުމަކަށް އައުމާއެކު ރައީސް ގޮތަބަޔާގެ ވެރިކަން ވެއްޓިދާނެކަމުގެ ބިރު ހީވެފައިވަނިކޮށް އެކަމުން ސަލާމަތްވެވޭނެ ގޮތަކާމެދު ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މުޅި ސްރީލަންކާގައި މުޒާހަރާތަކާއި ރައްޔިތުންގެ އިހުތިޖާޖުތައް

މުޒާހަރާތަކާއެކު ސްރީލަންކާގެ ފިހާރަތަކާއި ވިޔަފާރިތަކާއި ސްކޫލްތަކާއި އާންމު ޚިދުމަތްދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ. ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި އާންމުންގެ ގިނަ ބަޔަކު ގެންދަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

މިދިޔަ އޭޕުރިލް މަހުގެ އެއްވަނަ ދުވަހުވެސް ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވެއެވެ. އެއާއެކު ވެރިރަށް ކޮލަންބޯގައި ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅައި ބޭރަށް ނުކުމެ އުޅުން މަނާކުރިއެވެ. ނަމަވެސް އާންމު ރައްޔިތުން ކާފިއުއަށް (ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުމަށް) އިޙްތިރާމު ނުކުރުމުން ދެ ހަފްތާއަށްފަހު ސަރުކާރަށް މަޖްބޫރުވެގެން ކުއްލި ނުރައްކަލުގެ ޙާލަތުވަނީ އުވަލާފައެވެ.

ސްރީލަންކާގެ އެތަން މިތަނުގައި މުޒާހަރާތައް ކުރިޔަށްދަނީ

ސްރީލަންކާގެ އާންމުން އެގައުމުގެ ރައީސާއި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ކުރަމުން ގެންދާ މުޒާހަރާތަކުގައި މިހާރުވަނީ ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނާ އަދި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިންޖިނޭރުންނާއި ސިވިލްސާވަންޓުންވެސް ބައިވެރިވާން ފަށާފައެވެ. ނަތިޖާއެއްގެ ގޮތުން މުޒާހަރާތަކާއި އެއްވުންތައްވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.

ސްރީލަންކާގެ ޙާލަތު މިހާ ހިސާބަށް ދިޔައީ އެގައުމުގެ އިޤްތިޞާދު މުޅިން އިނދަޖެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ބޭހާއި ތެލާއި ކަރަންޓް ފޯރުކޮށް ނުދެވޭ ހާލަތަށް ގައުމު ވެއްޓިގެން ދިޔުމާ ގުޅިގެންނެވެ.

މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސްރީލަންކާ ތަހައްމަލުނުކުރާ އިޤްތިޞާދީ ތަދުމަޑުކަމެކެވެ. މިކަމުގެ ޒިންމާ ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން އަޅުވަމުން ގެންދަނީ ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރުގެ އިސްތަށިފުޅުގައެވެ. މިއާއެކުވެސް އެދެބޭފުޅުންވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ.