މިއަހަރުގެ ބައިބަލާ މުބާރާތް ކުރިން ރާވާފައިވާ ގޮތަށް ކުރިއަށް ގެންދަން ބައިބަލާ އެސޯސިއޭޝަނުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބައިބަލާ މުބާރާތް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް ހިނގި މާރާމާރީތަކުގެ ސަބަބުން ފުލުހުންގެ އެދުމުގެ މަތިން މުބާރާތް ފަސްކުރިކަމަށެވެ. ނަމަވެސް މިހާރު ކުރިން ރާވާފައިވާގޮތަށް މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އެ ބަޔާނުގައި ވަނީ އެ މުބާރާތް ކުރިއަށް ގެންދަނީ ފުލުހުން އެދުނުގޮތަށް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނުގައި ކެމެރާ ހަރުކުރުމަށްފަހު ކަމަށެވެ. އަދި ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމު ހަމަޖައްސައިފާ ވާނެކަމަށް އެ ބަޔާނުގައިވެއެވެ.

"މި މުބާރާތުގެ އިންތިޒާމުތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާ ގުޅިގެން، ފުލުހުންގެ އިރުޝާދުގެ މަތިންކަން ފާހަގަކޮށްލަން،" އެ ބަޔާނުގައިވެއެވެ.

މިއަހަރުގެ ބައިބަލާ މުބާރާތުގައި 34 ޓީމަކުން 1000 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވެއެވެ. އަދި މުބާރާތް ފަސްކުރިއިރު ޓީމުތަކުންވަނީ ބައިބަލާ ރިންގުއަޅާ، ޕްރެކްޓިސްތަކާއި، ޖާޒީތައް ޕްރިންޓުކޮށް، މުބާރާތަށް ގިނަ ޚަރަދުތަކެއް ކޮށްފައި ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުންޏެވެ.

މިދިޔަ ހަފްތާގައި މާލެ ސަހައްދުގައި ތިން ދުވަހަކު މާރާމާރީތައް ހިންގާފައިވެއެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ދެ މާރާމާރީއަކާއި މިދިޔަ ބުދަ ދުވަހު ދެ މާރާމާރީއެއް އަދި ބުރާސްފަތި ދުވަހު ތިން މާރާމާރީއެއް ހިންގާފައިވެއެވެ.