07 May 2022, 11:51
ރާއްޖެއިން ޢުމްރާއަށް ގޮސް އުޅުނު ރ. މީދޫ މީހަކު ރޭ މެންދަމުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
ރ. މީދޫ ކައުންސިލްގެ ރައީސް ޙަސަން ޝަރީފް ވިދާޅުވީ ޢުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ އެ ރަށުގެ، އުމުރުން 71 އަހަރުގެ ސައީދު ޔޫސުފް ކަމަށެވެ.
އޭނާ ނިޔާވީ ކުއްލިއަކަށް ހާލުދެރަވެ، މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ސައީދު ޔޫސުފު ޢުމްރާގެ އަޅުކަން އަދާކުރަން ގޮސްފައިވަނީ ޒަމްޒަމް ޙައްޖު އެންޑް ޢުމްރާ ޓްރެވަލް ގްރޫޕާއެކުގައެވެ. އަދި އެ ދަތުރުގައި ސައީދު ޔޫސުފާއެކު އާއިލާގެ މެމްބަރުން ވެސް ޢުމްރާއަށް ދިޔަކަމަށް މީދޫ ކައުންސިލުން ބުންޏެވެ.
"އަނބިމީހާއާއި އާއިލާގެ އެންމެން ވެސް އެ ދަތުރުގަ ގޮވައިގެން ދިޔައީ،" ޙަސަން ޝަރީފް ވިދާޅުވިއެވެ.
ޢުމްރާއަށް ގޮސް އުޅެނިކޮށް މިދިޔަ މަހު ވެސް ދިވެއްސަކު ނިޔާވެފައިވެއެވެ. އެއީ ބ. އޭދަފުށީ، 76 އަހަރުގެ އަބޫބަކުރު ޙަސަންއެވެ. އޭނާ ނިޔާވީ މައްކާގެ ޙަރަމްފުޅުގައި ފަތިސްނަމާދު ކޮށްގެން އެނބުރި ހޮޓަލަށް ދިޔަ ތަނުން ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.