06 May 2022, 23:04
ށ. ފޯކައިދޫން ފުރައިގެން 130 މީހުންނާއެކު މާލެ ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.
ފުރާގު 2 ނަމަކަށްކިޔާ އެ ބޯޓް ފަރަށް އަރާފައިވަނީ ޅ. ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަރަށެވެ. އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިރޭ 8:30 ހާއިރުއެވެ.
ފުރާގު ބޯޓުގެ ވެރިފަރާތުން "ސަން"އަށް ބުނީ އެ ބޯޓު ފަރަށް އެރުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެ ގެއްލުންތަކުގެ ތަފްސީލު އެނގޭނީ ބޯޓު ފުންކުރެވުމުންކަމަށް ވެސް އޭނާ ބުންޏެވެ.
އެ ބޯޓު ފަރަށް އެރުމާއެކު ޅ. ނައިފަރުގެ ރައްޔިތުން ނިކުމެ އެ ބޯޓުގައި ތިބި މީހުން އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރާކަމަށް އެރަށު ކައުންސިލްގެ މެންބަރު އަހުމަދު ޝިފާއު "ސަން"އަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޯޓުގައި ތިބި އެންމެން އަދި އެރަށަށް ގެނެވިފައި ނުވާކަމަށެވެ. ނަމަވެސް މިހާރު ވެސް ހުއްޓުމެއްނެތި ރައްޔިތުން ޑިންގީތަކުގައި މީހުން ގެނައުމުގެ މަސައްކަތް ކުރާކަމަށް ޝިފާއު ވިދާޅުވިއެވެ.
ނައިފަރު ކައުންސިލާއި އެ ރަށުގެ ރައްޔިތުން ގުޅިގެން މިހާރު އެ ބޯޓުގެ މީހުންނަށް ކެއުން ބުއިމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ރަށު ގޭތަކުގައި މިރޭ އެ ހުރިހާ އެންމެނަށް ނިދޭނެ ގޮތް ވެސް ހަމަޖައްސާފައިވާކަމަށެވެ.
"މިހާރު އަޅުގަނޑުމެން ވަނީ އެ މީހުން އެކި ގޭގެޔަށް ބަހާލައިފައި. ބަނދަރުމަތީގައި ކެއުންބުއިމުގެ އިންތިޒާމު ވެސް ކައުންސިލާއި ރައްޔިތުން ގުޅިގެން ވާނީ ހަމަޖެއްސިފައި،" ޝިފާއު ވިދާޅުވިއެވެ.