ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޕާޓްމަންޓެއް ބަލާފާސްކުރުމުގެ ތެރެއިން ފުލުހަކަށް އަނިޔާވެއްޖެއެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފުލުހުންގެ އޮފިސަރަކު ވިދާޅުވީ، ފުލުހުން ހުޅުމާލެ ދެވަނަ ފިޔަވަހިން އެޕާޓްމަންޓެއް ބަލާ ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި ގޭންގް މާރާމާރީއާ ގުޅިގެން އެ ދުވަހު ކަމަށެވެ.

"ބަލާ ފާސްކުރުމުގެތެރެއިން ފުލުހަކަށް އަނިޔާވެފަ ވަނީ," އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

މިމަހު މާރާމާރީތައް ވަނީ ފާހަގަ ކޮށްލެވޭ އަދަދަކަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ދެ މާރާމާރީއަކާއި މިދިޔަ ބުދަ ދުވަހު ދެ މާރާމާރީއެއް އަދި ބުރާސްފަތި ދުވަހު ތިން މާރާމާރީއެއް ހިންގާފައިވެއެވެ. މި މާރާމާރީތަކުގެ މައްސަލައިގައި ފުލުހުން ވަނީ ހަތް މީހަކު ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެއީ:

  • ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)

  • ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)
  • ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)
  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
  • ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)
  • ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

މިދިޔަ ހޯމަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.