މިރޭ މާލެތެރެ ޕެޓްރޯލް ކުރަން ނުކުމެ އުޅުނު ތިން ފުލުހަކަށް ބަޔަކު ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

ފުރަތަމަ ހަމަލާ ފުލުހުންނަށް ދީފައިވަނީ މިރޭ ގާތްގަނޑަކަށް 11:30 އެހާކަންހާއިރު އެވެ. ފުލުހުން ބުނީ އެ ގަޑީގައި ދެ ފުލުހުންނަށް ހަމަލާދިނީ ނަލަހިޔާ ހޮޓަލްކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް ގުރޫޕަކުން ހިފަހައްޓައިގެން ކަމަށެވެ.

މި މާރާމާރީގައި އަނިކޮށްފައި ވަނީ އަންހެން ފުލުހަކަށާއި ފިރިހެން ފުލުހަކަށެވެ. ފުލުހުން ބުނީ އެ ހަމަލާގައި ފިރިހެން ފުލުސް މީހާގެ ބޯފަޅާލައި އެނޫންވެސް އަނިޔާތައް ކޮށްފައިވާ އެވެ. އަދި އަންހެން ފުލުސް މީހާގެ މޭމަތީގައި ޖަހާ ބޮޑެތި އަނިޔާތައް ވެސް ކުރިކަމަށްވެސް ބުންޏެވެ. މިވަގުތުން ދެ ފުލުހުންނަށް ވެސް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެދެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ދެވަނަ ހަމަލާ ފުލުހުންނަށް އަމާޒުކޮށްދީފައިވަނީ މިރޭ 1:15 އެހާކަށް ހާއިރު އެވެ. ފުލުހުން ބުނީ އެ ހަމަލާ ދިނީ ނަލަހިޔާ ހޮޓަލް ކައިރި ޕެޓްރޯލްކުރަމުން ދިޔަ ފުލުސްމީހަކަށް ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ހަމަލާދިން މީހުން ވަނީ ފުލުސް މީހާގެ ވޮލެޓްވެސް ފޭރިގެންފަ އެވެ. ފުލުހުން ބުނީ އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.