06 May 2022, 22:19
ގޭގައި އިންޑިއާ އައުޓް ބެނާ ދެމި މައްސަލައިގައި ދެ ގެއެއްގެ ވެރިން މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާ ގޭގެ ވެރިފަރާތާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ގެކޮޅު ކަމަށްވާ ގ. ހޭޅި ގޭގެ ވެރިފަރާތެވެ.
އެމީހުން ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގުމުގެ އިތުރުން ވަނީ ގާނޫނީ އިންޒާރުދީފައެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަދައްކަވަމުން އެ މީހުންގެ ގާނޫނީ ވަކީލު މުހައްމަދު ރާޣިބު އަޙްމަދު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ގާނޫނު އަސާސީއަށް ގޮންޖަހާލާ ގާނޫނާ ބީރައްޓެހި ގޮތަކަށްކަމަށެވެ.
"އިންޑިއާ އައުޓް ބެނާއެއް ދަމައިގެން ދައުލަތުގެ އެއްވެސް ވާޖިބަކަށް ހުރަހެއް ނޭޅޭނެ. ސަރުކާރުން މި މަސައްކަތް މި ކުރަނީ ގާނޫނު އަސާސީއަށް ގޮންޖަހާލާފަ." އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ވަކީލުން ވިދާޅުވީ ގާނޫނީ އިންޒާރުގައި ހަވާލާދީފައިވަނީ މައްސަލައާ ނުވެސް ގުޅޭ ގާނޫނުތަކަކާ ކަމަށެވެ.
ޗެނަލް13އަށް ދިން އިންޓަވިއުއެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ބައްޕަ މުހައްމަދު ހުސައިން ބުނީ ހުރިހާ ވެސް މައްސަލަ އަކީ އިންޑިއާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުން ކަމަށެވެ.
"ހުރިހާވެސް ކަމަކީ ބެނާގެ ކަންތައް. ބެނާއާ ޓީޝާޓާ މިފާޑުފާޑުގެ އެއްޗިސްލާން މި ޖެހެނީ އިންޑިއާ މިލިޓަރީ ސިފައިން މިތާގަ ގާއިމުވެފަ އޮތީމަ،" މުހައްމަދު ހުސައިން ބުންޏެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ. އަދި އެ ހަރަކާތަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ކަނޑައަޅާފައެވެ.
މާލޭގެ އެކި ގެތަކުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބެނާތައް ފުލުހުން ވަނީ ނަގާފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅު ވެސް ހިނެއެވެ.