20 Mar 2012, 23:53
ފުވައްމުލަކުގައި ތޫނު އެއްޗަކުން މާރާމާރީ ހިންގައި 18 އަހަރުން ދަށުގެ ތިން ކުދިން މިއަދު ޒަޚަމްކޮށްލައިފި އެވެ. އަދި ހަމަލައާ ގުޅުގެން ނުވަ ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރު ފުވައްމުލަކު ސްޓޭޑިއަމް ކައިރީގައި ހިންގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ތިން ކުދިންނަކީ ވެސް 17 އަހަރުގެ ކުދިންނެވެ. މީގެ ތެރެއިން އެއް ކުއްޖަކަށް ހާލު ސީރިއަސްވުމާއި ގުޅިގެން އެކުއްޖާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރުވަނީ އައްޑޫ ސިޓީގެ ހިތަދޫއަށް ފުރުވާލާފަ އެވެ. އަނެއް ދެކުދިންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލައާއި ގުޅިގެން 16 ކުއްޖަކު މައްސަލައިގެ ތަހުޤީޤަށްޓަކައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް އޭގެތެރެއިން ނު ކުއްޖެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަންޖެހޭތީ އެކުދިން ތިބީ ހައްޔަރުކޮށްފަ އެވެ. މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.