މިދިޔަ އީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި 15 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ އިތުރުން އެ މައްސަލައިގައި ދެވަނަ މީހަކަށް ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާންއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒިއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން، އެ މައްސަލައިގައި ހިމެނޭ 15 އަހަރުގެ ކުއްޖާގެ ބަންދަށް ހަތް ދުވަސް ޖަހާދީފައިވާކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މާލޭގައި އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގައި ވެސް ވަނީ ނުރައްކާތެރި މާރާމާރީތަކެއް ހިންގާފައެވެ. އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ހަތް މީހަކު ހޯދަން ފަށައިފައެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ:

  • ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)

  • ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)
  • ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)
  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
  • ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)
  • ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.