ރޭ ފަތިހު މާލޭގެ ބައެއް މަގުތަކަށް "އިންޑިއާ އައުޓް" ޖަހާފައިހުރި ކަރުދާސްތަކެއް އެޅި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރޭ ފަތިހުގެ ވަގުތުގައި އެ ކަރުދާސްތައް އަޅައިފައިވަނީ އިންޑިއާ އެމްބަސީ ކުރިމައްޗަށާއި، ރައީސް އޮފީހުގެ އިތުރުން އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ރޭ ފަތިހު މާލޭގެ މަގުތަކަށް އިންޑިއާ އައުޓް ކަރުދާސްތަކެއް އެޅި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މީގެއިތުރުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބެލުމަށްޓަކައި ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ.

އިދިކޮޅު ޕީޕީއެމްއިން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ބޮޑު ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ކެމްޕޭނެކެވެ.

އެ ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމައި އެ އެ ކެމްޕޭން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޤަރާރެއް ނެރެފައެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ އެ ޤަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށޫއަރާ ޤަރާރެއްކަމަށް ބުނެ އެ ޤަރާރަކީ ބާތިލު ޤަރާރެއްކަަމަށް ނިންމައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ޕީޕީއެމްއިން ބުނަނީ ރައީސް ނެރޭ ޤަރާރަކުން އެ ކެމްޕޭން ދެން ނުހުއްޓުވޭނެކަމަށެވެ. އެ ޤަރާރާއެކު ވެސް އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.