20 Mar 2012, 23:18
ރައީސްގެ ރިޔާސީ ބަޔާނާދެކޮޅަށް އިއްޔެ އެމްޑީޕީން ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން 28 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު އިތުރުކޮށް ދީފި އެވެ.
ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް މިއަދު ހާޒިރުކުރުމުން މުއްދަތު ޖެހި މީހުންނާ ގުޅޭގޮތުން ފުލުހުން ބުނީ އެ މީހުންގެ ތެރޭގައި ތިން އަންހެނަކާއި 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ އެކި މީހުންނަށް އެކިވަރަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިއްޔެ ހައްޔަރު ކުރި 28 މީހުންގެ ތެރެއިން ދެ ކުޑަކުދިންގެ މުއްދަތު އިތުރުކޮށްދިނީ ޖުވެނައިލް ކޯޓުން ނެވެ. ބާކީ ތިބި މީހުންގެ މުއްދަތު އިތުރުކޮށްދިނީ ކްރިމިނަލް ކޯޓުން ނެވެ.
ބަންދާއިމެދު ގޮތެއް ނިންމުމަށް ފުލުހުން މިއަދު ކޯޓަށް ގެންދިޔަ މީހުންގެ ތެރެއިން ބައެއް މީހުން ކޯޓުން މިއަދު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް ފުލުހުން މިއަދު ކޯޓަށް ގެންދިޔައީ ކިތައް މީހުންނެއް ކަމެއް އަދި ސާފުވާގޮތެއް ނުވެ އެވެ.
ފުލުހުން ބުނީ އިއްޔެގެ ހަމަނުޖެހުންތަކާއި ގުޅިގެން އަދިވެސް އިތުރު ބަޔަކު ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިއްޔެ އެމްޑީޕީން ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 23 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޝަރީއަތަށް ވެސް ހުށަހަޅާފަ އެވެ.