ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ޚަރަދު ކުރި މީހުން ހޯދުމަށް ތަހުގީގު ވަރުގަދަ ކުރަން އެ އާއިލާއިން ގޮވާލައިފިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ފަހުން އެއް އަހަރު ފާއިތުވުމާ ގުޅިގެން އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އެ ހަމަލާގެ ބައެއް ބައިވެރިން ހައްޔަރުކޮށް ދައުވާކޮށްފައިވާ އިރު ހަމަލާގެ ކުރީ ސަފުގައި ފެނިލި މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު އަހަންމިއްޔަތުކަން ދީފައި ނުވާތީ ވެސް ކަންބޮޑުވޭ،" ބަޔާނުގައިވެއެވެ.

އެ މައްސަލާގައި އަދުލުއިންސާފު ގާއިމުވެފައި ނެތުމުން މުޅި މުޖުތަމައުގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު، އެ ހަމަލާއަށް ފަހު ސެކިއުރިޓީ ސަބަބުތަކާ ހެދި، ރައީސް ނަޝީދު ހިންގަވާ ހަރަކާތްތައް ހަނިވެފައިވާ ކަމަށާއި އޭގެ ސަބަބުން ސިޔާސީ މަސައްކަތްތަކަށާއި ގާތްތިމާގެ މީހުންނާ ކުރައްވާ މުއާމަލާތްތަކަށް ވެސް ހުރަސް އެޅިފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

"އަޅުގަނޑުމެން މި ދަނޑިވަޅުގައި ވެސް އެދެނީ، މި ހަމަލާ ހިންގުމަށް ފައިސާ ޚަރަދުކުރި ފަރާތްތައް ހޯދުމަށް ޓަކައި ވަރުގަދަ ތަހުގީގެއް އަދި ވެސް ހިންގުމަށް. މިކަން މިގޮތަށް ކޮށްފައި ނެތުމުން ރައީސް ނަޝީދުގެ ޖާނާއި އެ މަނިކުފާނުު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކުގެ ވަށާއިގެން ބިރުވެރިކަމުގެ މާހައުލެއް އުފެދިފައިވޭ،" ބަޔާނުގައިވެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް އެ މައްސަލާގައި ދައުވާކޮށްފައިވެއެވެ. އެއީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.