އެމްޑީޕީގެ މުޒާހަރާ މައިދާން، ލޮނުޒިޔާރަތްކޮޅަށް ފުލުހުން އިއްޔެ ވަނީ ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާ އެއްގޮތަށް މީޑިއާގެ ހާޒިރުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ އާންމު ކުރި ނޫސްބަޔާނެއްގައި ބުނަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދަށް ފުލުހުން ވަނީ އެ ސަރަހައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލުތަކެއް ކުރަމުންދާތީއާއި އަދި އެތަނުން ރާވައިގެން ނުކުމެ މާލެތެރޭގައި ހިންގަމުންދާ ޖިނާޢީ ކުށްތަކާއި މާލޭގެ އަމަން އަމާންކަން ނަގާލުމަށް ހިންގާ ޙަރަކާތްތައް ހުއްޓުވުމަށް ކަމަށެވެ. އަދި ބުނީ އެ ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 244 ވަނަ މާއްދާ އާއި ފުލުހުންގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން ފުލުހުންނަށް ލިބޭ ބާރުގެ ދަށުން މީޑިއާގެ ހާޒިރުގައި ކަމަށެވެ.

"ހެންވޭރު ލޮނުޒިޔާރާތްކޮޅު ޕާކް ހިމެނޭ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލުތަކެއް ކުރަމުންދާތީއާއި އެތަނުން ރާވައިގެން ނުކުމެ މާލެތެރޭގައި ހިންގަމުންދާ ޖިނާޢީ ކުށްތަކާއި މާލޭގެ އަމަން އަމާންކަން ނަގާލުމަށް ހިންގާ ޙަރަކާތްތައް ހުއްޓުވާ ޤާނޫނު އަސާސީގެ 244 ވަނަ މާއްދާ އާއި ފުލުހުންގެ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އިއްޔެ ހަވީރު ފުލުހުންނާއި ސިފައިން ގުޅިގެން ލޮނުޒިޔާރާތްކޮޅު ޕާރކް ހިމެނޭ ސަރަޙައްދަށް ވަދެފައިވަނީ މީޑިއާގެ ހާޒިރުގައެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުން ނޫސްބަޔާން ނެރެފައި ވަނީ ލޮނުޒިޔާރަތް ކޮޅު ސަރަހައްދުގެ ޓެންޓުތަކުގެ ތެރެއިން ފުލުހުން ނެގި ބިޔަރު ކޭހާއި ރާއްޖޭގައި ކައްކާފައި ހުރިކަމަށް ބެލެވޭ ބަނގުރާ ފުޅި އެ ސަރަހައްދުން ފުލުހުން ނެރެފައި ވަނީ އެތަނުން މީޑިއާ ނެރުމަށްފަހު ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.

ބަޔާނުގައި ބުނަނީ ފުލުހުން އެސަރަހައްދަށް އެއްވެސް އެއްޗެއް އެތެރެކޮށް އެސަރަހައްދުން އެއްވެސް އެއްޗެއް ބޭރުކޮށްފައިވާނަމަ އެވަގުތު އެތާނގައިތިބި މީހުންނަށާއި ނޫސްވެރިންނަށް ވެސް ވަރަށް ރަނގަޅަށް ފެންނާނެ ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދުގައި ނޫސްވެރިންގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނާއި މިނިވަން ބައެއް އޮބްޒާވަރުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވިކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ އެ ސަރަހައްދަށް ފުލުހުންނާއި ސިފައިން ވަދެ ޕާރކް ހިމެނޭ ސަރަހައްދުން މީހުން ބޭރަށް ނެރެ ހުސްކުރީ އެތާންގައި ހުރި ތަކެއްޗަށް ގެއްލުން ލިބި ހެކިގެއްލިދާނެފަދަ ކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.
ލޮނުޒިޔާރަތް ކޮޅުގައި ހުރި ހުރިހާ އެއްޗެއްގައި އަތްލުމުގެ ކުރިން އެއްވެސް މީޑިއާއެއް އިސްތިސްނާ ކުރުމެއް ނެތި ހުރިހާ މީޑިއާތަކަށް ވެސް ހަމަހަމަ ފުރުސަތު ދީފައިވާކަމަށާއި ނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައި ވަނީ ހަގީގަތާއި ޚިލާފަށް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.