05 May 2022, 12:27
އިޒްރޭލުން އެއްވެސް ދައުވާއަކާ ނުލައި ހިފަހައްޓާފައިވާ ފަލަސްތީނުގެ މީހުންގެ އަދަދު 600އަށް ވުރެ އިތުރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމުއިއްޔާއަކުން ބުނެފިއެވެ.
އިޒްރޭލުގެ ހަމޮކެޑް ޖަމުއިއްޔާއިން ބުނީ އެއީ 2016 ވަނަ އަހަރުގެ ފަހުން، އިޒްރޭލުން ދައުވާއަކާ ނުލައި އެއް ފަހަރާ ހިފަހައްޓާފައިވާ ފަލަސްތީނުގެ މީހުންގެ އަދަދު އެހާ ވަރަށް އިތުރުވި ފުރަތަމަ ފަހަރު ކަމަށެވެ.
އެ ޖަމުއިއްޔާއިން ބުނި ގޮތުގައި މި މަހުގެ ނިޔަލަށް އިޒްރޭލުގައި އިދާރީ ބަންދުގައި 604 މީހަކު އެބަތިބިއެވެ. އަދި ބަންދުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފަލަސްތީނަށް ނިސްބަތްވާ މީހުންނެވެ.
ހަމޮކެޑްއިން ބުނި ގޮތުގައި އަސްކަރީ ކޯޓުތަކުގައި ކުށް ސާބިތުވެ، ފަލަސްތީނުގެ 2،441 މީހަކު ދަނީ އިޒްރޭލުގައި ހުކުމް ތަންފީޒު ކުރަމުންނެވެ. އަދި ދައުވާކޮށް، ޝަރީއަތް ފަށަން ދެން ތިބި މީހުންނާއި މިހާރު ޝަރީއަތަށް ހާޒިރު ކުރަމުންދާ މީހުންގެ އަދަދު 1478އަށް އަރައެވެ.
އިޒްރޭލުން ބުނެފައިވާ ގޮތުގައި އިދާރީ ބަންދުގެ ހުރިހާ އަމުރުތަކަކީވެސް ޝަރުއީގޮތުން ބަލަންޖެހޭ އަމުރުތަކެކެވެ. އަދި ބަންދުގައި ތިބިި މީހުންނަށް އިޒްރޭލުގެ އަސްކަރީ އިސްތިއުނާފު ކޯޓުގައި ނުވަތަ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރެވޭ ނަމަވެސް، ކޯޓުތަކުން އެ މައްސަލަތަށް ވަރަށް ބޮޑަށް ފަސްކުރާ ކަމަށް ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.
ހަމޮކެޑްގެ ޑައިރެކްޓަރު ޖެސިކާ މޮންޓެލް ވިދާޅުވީ، އެއްވެސް ދައުވާއަކާ ނުލައި އެތައް ސަތޭކަ ބަޔަކު ގިނަ އަހަރުތަކެއް ވަންދެން ބަންދުގައި ބޭތިއްބުމަކީ އެއްވެސް އިންސާފެއް ނެތް ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފަލަސްތީނުގެ އެތައްބަޔަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ދިިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވެއެވެ.