'އޯޝަން ސާވެއާ' ނަމަކަށް ކިޔާ އުޅަނދަކުން ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސާވޭތަކެއް ކުރަމުން ދަނިކޮށް ފަރަށް ގެއްލުން ލިބުމުން އެ އުޅަނދުގެ ވެރިފަރާތް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އޯޝަން ސާވެއާއިން ކުރަމުން ދިޔަ މަސައްކަތަކީ ސަރުކާރުގެ ސަބްމެރިން ކޭބަލް އެޅުމަށް ބޭނުންވާ ސާވޭގެ މަސައްކަތެވެ. އެ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.

އޯޝަން ސާވެއާއިން ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައި ހުޅުމާލޭ ފަރަށް ގެއްލުން ލިބިފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުންޏެވެ.

އެ އޭޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޯޝަން ސާވެއާއިން އެ އޭޖެންސީއަށް ފޮނުވި މައުލޫމާތުން، އެ އުޅަނދުގެ ހައިޕެޕް ސިސްޓަމްގެ ޔޫއެސްބީއެލް ޕޯލްއާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު އެ ފަރުގައި ޖެހިފައިވާކަން އެނގިފައި ވާކަމަށެވެ.

އެހެންކަމުން ކޯސްޓްގާޑާ ގުޅިގެން އެ އެޖެންސީން އެ ސަރަޙައްދަށް ކަނޑުފީނައިގެން ސާވޭ ކުރި ކަމަށާއި، އެ ސާވޭއިން، ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެ އީޕީއޭއިން ބުންޏެވެ.

ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން، އެ އުޅަނދުގެ ވެރިފަރާތް 198,112.73 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް، މިދިޔަ އަންގާރަ ދުވަހު، އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަމަށް އެ އޭޖެންސީން ބުންޏެވެ.