ސޯސަން މަގު، މުތީ ގޯޅި (ސިޓީ ބޭކަރީ ގޯޅި)ގައި މާރާމާރީއެއް ހިންގައިފިއެވެ.

މިރޭ 02:15 ހާއިރު ހިނގި އެމާރާމާރީ ހިނގި ސަރަހައްދުން ދެ މީހަކު ހައްޔަރުކުރި މަންޒަރު ވަނީ ފެނިފައެވެ. ޖުމްލަ ހައްޔަރުކުރީ ކިތައް މީހުން ކަމެއް އެނގިފައެއް ނުވެއެވެ.

އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރި ވަމުން އަންނައިރު، އޭގެ ތެރޭގައި ފޮރެންސިކް ފުލުހުން ވެސް ހިމެނެއެވެ.

ފުލުހުން ވަނީ އެ ސަރަހައްދުން ދެ ސައިކަލެއް ވެސް ޓޯކޮށްގެން ގެންގޮސްފައެވެ. ބެލެވޭ ގޮތުގައި އެއީ މާރާމާރީގައި ބައިވެރިވި މީހުންނާ ގުޅުން ހުރި އުޅަނދުތަކެކެވެ.

މުތީ ގޯޅީގައި މިރޭ މާރާމާރީ ހިންގި ސަަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ

މިއީ މިރޭ މާލޭ ސަރަހައްދުގައި ހިނގި ތިންވަަނަ މާރާމާރީއެވެ. މިރޭ އިރާކޮޅު ހުޅުމާލޭގައި ވެސް ވަނީ ދެ މާރާމާރީއެއް ހިންގާފައެވެ. އެ ހާދިސާތަކުގައި ޒަޚަމްވި ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މާރާމާރީތަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ ހޯމަދުވަހު ވެސް މާލޭގައި ވަނީ ދެ މާރާމާރީއެއް ހިންގާ، ހަތަރު މީހަކު ޒަޚަމްކޮށްލާފައެވެ. އެ މައްސަލަތަކާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.