05 May 2022, 01:34
މިއަދު އިރާކޮޅުގެ ވަގުތެއްގައި މަގުމައްޗަށް ވެއްޓިފައި ވަނިކޮށް އައިޖީއެމް އެޗަށް ގެންދިޔަ މީހަކު މަރުވެގެން، އޭނާ އަކީ ކާކުކަން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ އޭނާ ވެއްޓިފައި އޮއްވާ ފެނުނީ މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖު ސަރަހައްދަށް ކަމަށެވެ. އަދި އޭނާގެ އިސްކޮޅުގައި 5ފޫޓު 6އިންޗި ވަރު ހުރި ކަމަށާއި، އެއީ އުމުރުން 50އަހަރާއި 60އަހަރާ ދެމެދުގެ މީހެއްކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އޭނާ ލައިގެން ހުރީ މަޑު މުށިކުލަޔަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރެކް ޝޫޓެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ކުރު އިސްތަށިގަނޑު އެއްކޮށް ނުރަވެފައިވާއިރު، ތުނބުޅިއެއް ވެސް ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ ސިފަތައް ހުރި މީހެއްގެ މައުލޫމާތު އެނގޭނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅާ، ހިއްސާކުރުމަށް ފުލުހުން އެދެއެވެ.