ހުޅުމާލޭގައި މިރޭ ދެ މާރާމާރީއެއް ހިންގާ ދެ މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިރޭ ހިންގި ފުރަތަމަ މާރާމާރީގެ މައުލޫމާތު ލިބުނީ 21:17 ހާއިރު ކަމަށެވެ. އެ ހާދިސާ ހިންގީ ކާނި މަގުގައި ހުންނަ "ލަޔާ ރެސްޓޯރެންޓް" ކައިރިންނެވެ.

ދެވަނަ ފިޔަވައްސަށް ދާ ބްރިޖް ކައިރީ ހިންގި ދެވަނަ މާރާމާރީގެ ރިޕޯޓު ލިބުނީ 21:32ހާއިރު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިރޭ ހިންގި މާރާމާރީތަކުގައި އަނިޔާވި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

މި ފަހަކަށް އައިސް މާލޭގައި ހިންގަމުން އަންނަ މާރާމާރީތައް ވަނީ އިތުރު ވެފައެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހު ވެސް މާލޭގައި ދެ މާރާމާރީއެއް ހިންގާފައިވެއެވެ.

އެ ދުވަހުގެ ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ކޯރުކެނޑި މަގުން، މާވެޔޮ މިސްކިތް ކައިރީގައެވެ. ފަތިހު 5:48ހާއިރު ހިންގި އެ މާރާމާރީގައި ދެ ދިވެއްސަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވެއެވެ.

ދެވަނަ މާރާމާރީ ހިންގާފައިވަނީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. އެ ދުވަހު 9:17ހާއިރު ހިންގި އެ މާރާމާރީގައި ވެސް ދެ މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އަދި މިހާތަނަށް އެ މައްސަލަތަކުގައި މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.