ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާ މެދު ކަންބޮޑުވާ ކަމަށާއި ސިޔާސީ ގޮތުން ހަމަޖެހުން ގެނެސް، ޑިމޮކްރިޓިކް އިންތިހާބެއް ބޭއްވުމާ މެދު ވަރަށް އަވަހަށް އެއްބަސްވުމަކަށް އައުން މުހިއްމު ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

އީޔޫގެ ހައި ރެޕްރެޒެންޓިވް ކެތަރިން އެޝްޓަން މިއަދު ނެރުއްވި ބަޔާނުގައި ވަނީ ސިޔާސީ ހަމަޖެހުން ގެނެސް ޑިމޮކްރެޓިކް އިންތިހާބަކާމެދު އެއްބަސް ވެވޭނެ ގޮތެއް ވަރަށް އަވަހަށް ހޯދުން މުހިއްމު ކަމަށާއި އެފަދަ މަސައްކަތަކަށް އެހީތެރިވާން އީޔޫއިން ތައްޔާރަށް އޮތް ކަމަށެވެ.

ބަޔާނުގައި ކެތަރިން އަދި ވިދާޅުވެފައި ވަނީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ، މައްސަލަ ގޯސްވާނެ ފަދަ އެއްވެސް ކަމަކުން ދުރުހެލިވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މައްސަލަތައް އިތުރަށް ގޯސްވާ ފަދަ ކަންތައްތައް ކުރުމުން ދުރުހެލިވެ ތިބުމަކީ އެންމެ މުހިއްމުކަންތައް ކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ރައްކާތެރިކަން ކަށަވަރުވާން ޖެހެއެވެ،" ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުންނާއެކު މަޝްވަރާކުރެއްވުމަށް ކޮމަންވެލްތުގެ ހާއްސަ މަންދޫބު ސާ ޑޮން މެކްކިނަން ރާއްޖެ ވަޑައިގެންފައިވާތީ އުފާކުރައްވާ ކަމަށާއި އޭނާގެ މަސައްކަތްޕުޅަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވެސް ބަޔާނުގައި ކެތަރިން ވިދާޅުވެފައި ވެއެވެ.

ބަޔާނުގައި އަދި ވަނީ އަވަސް އިންތިހާބެއް ބޭއްވުމާއި ފެބްރުއަރީ ހަތްވަނަ ދުވަހު ބާރުތައް ބަދަލުވ ގޮތް ތަހުގީގުކުރުމާއި ސަރުކާރު ރަނގަޅަށް ހިނގާނެ ގޮތް ހެދުން މިހާރު ކުރިއަށް ވުރެ މުހިއްމުވެފައިވާ ކަމަށެވެ. އަދި އދ. އާއި ކޮމަން ވެލްތު ހިމެނޭ ގޮތުން ބައިނަލް އަގުވާމީ ޖަމިއްޔާތަކާއެކު ރާއްޖޭގެ ހާލަތު އީޔޫއިން ކައިރިން ބަލަމުންދާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.