19:00


"ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު" ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައި ވަނީ، ޤާނޫނު ހަމަތަކުގެ މަތިން ނޫން ކަމަށާއި އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި މުޖްތާޒް ފަހުމީ އަމިއްލައަށް ޝަރުތު ހަމަވާ ގޮތް ބައްލަވައިގެން ކަމަށް އެ ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އައިޝަތު ވެލިޒިނީ ތުހުމަތުކުރައްވައިފި.


ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެލެޒިނީ މިއަދު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީގެ) ރައީސް މުޖްތާޒު ފަހުމީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 


ވެލިޒިނީ ވިދާޅުވަމުން ގެންދެވީ، ޤާނޫނު އަސާސީގައި ބުނެފައިވާ އިންތިގަލީ މަރުހަލާ އަންނަ މަހުގެ 7 ދުވަހު ހަމަވުމާ ގާތްވެފައިވާއިރު އެ ޖޭއެސްސީން މިހާރު އެކުލަވާލާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކީ، ޤާނޫނު އަސާސީއާ ޚިލާފަށް، ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ވޯޓަކަށް ނަހައި، ފާސްކޮށްފައިވާ ގަވާއިދެއް ކަމަށެވެ. އަދި އެ ގަވާއިދު އަކުލަވާލާފައި ވަނީ ޖޭއެސްސީގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖްތާޒު ފަހުމީ އަމިއްލައަށް ފަނޑިޔާރުކަމަށް ޝަރުތު ހަމަވާ ގޮތަށް ކަމަށެވެ. އެހެންވެ، އެކަމުގެ ސަބަބުން ވަރަށް "ދަށު ދަރަޖައިގެ" ފަނޑިޔާރުންނަށް ވެސް މިހާރު ތިބެވޭނެ ގޮތް ހަމަޖެހިގެން ގޮސްފައިވާކަން ވެލެޒިނީ ފާހަގަކުރެއްވި އެވެ.


މިކަމާ ގުޅޭ ގޮތުން މުޖްތާޒް ފަހުމީގެ ބަހެއް ހޯދުމަށް ގުޅާލުމުން، ވިދާޅުވީ، މިކަމުގައި އަދި ކޮމެންޓެއް ދެއްވެން ނެތް ކަމަށާއި ފަހުން ގުޅާލުމަށެވެ.