04 May 2022, 21:32
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޓްވިޓާގައި ހަރަކާތްތެރިވެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
މީގެ ދެ ގަޑިއިރު ކުރިން ވަނީ ރައީސް ޔާމީންގެ ޓްވިޓާ އެކައުންޓުން ފުރަތަމަ ޓްވީޓް ކުރައްވާފައެވެ. ދިވެހި ދިދައާ އެކު ކުރެއްވި އެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ދިވެއްސަކަށް ވީތީ ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
Proud n honored 2b a Maldivianpic.twitter.com/93n6RgMr2H
— Abdulla Yameen (@prz_ymn)
މީގެ ކުރިން ރައީސް ޔާމީން ފާހަގަކުރެވިފައި ވަނީ ސޯޝަލް މީޑިއާ އާ ދުރު ބޭފުޅެއްގެ ގޮތުގައެވެ. ވެރިކަމުގައި ހުންނެވި އިރު ވެސް އެމަނިކުފާނުގެ މެސެޖުތައް ފޯރުކޮށްދެމުން ގެންދެވީ ރައީސް އޮފީހުގެ ރަސްމީ އެކައުންޓާއި، ޕާޓީގެ ބެލުމުގެ ދަށުން ހިންގާ އެކައުންޓުތަކުންނެވެ.
ޖަލުން މިނިވަން ވެވަޑައިގަތުމަށް ފަހު، ރައީސް ޔާމީން މިވަގުތު އެންމެ ގަދަޔަށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައެވެ.