04 May 2022, 21:13
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިއަދު "ސަން"އަށް ވިދާޅުވީ ލެކްޗަރާއިންގެ މުސާރައިގެ އައު އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
"އެ މަސައްކަތް މިހާރު އެމްއެންޔޫއާ އެއްކޮށް ވެސް ކުރެވިފަ އޮތީ. ދެން އައިޔޫއެމް އާ ވެސް ޝެއާ ކުރެވިފައި، ކޮމެންޓްސް ހޯދިފަ ވަނީ," އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެހެން ދާއިރާތަކުގެ މުސާރައިގެ އޮނިގަނޑު ވެސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާކަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާނު ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހުގައެވެ.
ޓީޗަރުންގެ މުސާރައަށް މި ބަދަލުގެނެސްފައި ވަނީ އެކި ރޭންކު ތަކަށް ޓީޗަރުން ބަހާލައިގެންނެވެ.
މީގެ ތެރޭގައި ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 އިންސައްތައިގެ ބަދަލެއް، ރޭންކު ދޭއްގެ މުވައްޒަފުންނަށް 50 އިންސައްތައިގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 އިންސައްތައިގެ ބަދަލެއް ވަނީ ގެނެސްފައެވެ.
ރައީސް، މި ގެންނެވި ބަދަލާއެކު ޕްރިންސިޕަލުންގެ މުސާރަ 30000 މަތީގައި އުޅޭއިރު ޓީޗަރުންގެ މުސާރަ ވަނީ 20000 އަށް ބޮޑުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީ ވިދާޅުވެފައިވަނީ ލީޑިން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑު ކުރުމަށް ނިންމައިފައިވާ ކަމަށާއި އެހެންކަމުން މީގެ ފަހުން އެފަރާތްތަކަށް ވެސް 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.