އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކެންޑިޑޭޓަށް އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ތާއީދު ކުރެއްވުމުން، ރައީސް މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކުރިމަތިލުމެކެވެ. އެއާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނިކުންނާނީ ކޮން ކެންޑިޑޭޓެއްތޯ ދެކެވޭ ވާހަކަތައް ވެސް ވަނީ ގަދަވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް ޞާލިހުގެ ފަޅިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާއީލް ވާދަ ކުރައްވާއިރު ނަޝީދުގެ ފަޅިން ވާދަ ކުރައްވަނީ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީއެވެ. އެ އިންތިހާބާ ދިމާކޮށް އެމްޑީޕީ ވަނީ ދެފަޅިއަކަށް ބެހިފައެވެ.

ނަޝީދާ ކުރީންސުރެ ގާތްގުޅުމެއް އޮންނަ މިނިސްޓަރު ޝައުނާ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރާކަން މިއަދު ވަނީ ހާމަ ކުރައްވައިފައެވެ.

ޝައުނާގެ ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުން ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ އެތައް ކަމަކަށް ހައްލު ގެނެސްފައިވާއިރު އެ ޕާޓީން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެކަންކަން ކުރެއްވޭނެ ބޭފުޅަކީ ފައްޔާޒު ކަމަށް ޝައުނާ ވިދާޅުވިއެވެ.

"ޖުމުލަކޮށް ބަލާއިރު މިހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޗެއާޕާސަންކަމަށް އިންތިހާބު ކުރަން އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ފަޔާ،" ޝައުނާ ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބާކަން ބަޔާން ކުރައްވަން ނޫޅުއްވުމަށް އެދޭ ކަމަށެވެ.

"އެމްޑީޕީގެ އާއްމު މެމްބަރުންނަށް އެމްޑީޕީއަކީ ކޮބާކަން ވަރަށް ސާފު،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ފަޅިއަށް ޝައުނާ އަރުއްވާފައިވާއިރު އޭނާއަކީ މީގެ ކުރިން ނަޝީދުގެ ވަރަށް އަރިސް މީހެކެވެ. ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގައި މަސައްކަތް ކުރެއްވިއިރު ވެރިކަން ބަދަލުވިފަހުން ނަޝީދުގެ ރަސްމީ އޮފީހުގައި އިސްކޮށް މަސައްކަތް ކުރެއްވީ ވެސް ޝައުނާއެވެ.

މި އިންތިހާބާ ދިމާކޮށް ނަޝީދުގެ އަރިސް އެތައް ބަޔަކު ވަނީ ރައީސް ޞާލިހުގެ ފަޅިއަށް އަރުއްވައިފައެވެ. އޭގެ ތެރޭގައި ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމްވެސް ހިމެނިވަޑައިގަންނަވައެވެ. އަދި މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ތިއްބެވީ ރައީސް ޞާލިހުގެ ފަޅީގައެވެ.

ނަޝީދުގެ ފަޅީގައި އިސްކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުންނެވިއިރު ދެން ވެސް އުޅުއްވަނީ މަޖިލީހުގެ މަދު މެމްބަރުން ކޮޅެކެވެ. ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ވެސް ނަޝީދުގެ ފަޅީގައި ތިއްބެވީ މަދުބައެކެވެ.