04 May 2022, 15:55
ރައީސް މުޙައްމަދު ނަޝީދާ ކުރީންސުރެ ގާތްގުޅުމެއް އޮންނަ މިހާރުގެ އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރާކަން ހާމަ ކުރައްވައިފިއެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކުރިމަތިލުމެކެވެ. އެއާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނިކުންނާނީ ކޮން ކެންޑިޑޭޓެއްތޯ ދެކެވޭ ވާހަކަތައް ވެސް ވަނީ ގަދަވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް ޞާލިހުގެ ފަޅިން ފައްޔާޒު ވާދަ ކުރައްވާއިރު ނަޝީދުގެ ފަޅިން ވާދަ ކުރައްވަނީ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީއެވެ. އެ އިންތިހާބާ ދިމާކޮށް އެމްޑީޕީ ވަނީ ދެފަޅިއަކަށް ބެހިފައެވެ.
ފައްޔާޒުގެ ކެމްޕެއިން ޓީމުން އާއްމުކުރި ޝައުނާގެ ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުން ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ އެތައް ކަމަކަށް ހައްލު ގެނެސްފައިވާއިރު އެ ޕާޓީން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެކަންކަން ކުރެއްވޭނެ ބޭފުޅަކީ ފައްޔާޒު ކަމަށް ޝައުނާ ވިދާޅުވިއެވެ.
"ޖުމުލަކޮށް ބަލާއިރު މިހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޗެއާޕާސަންކަމަށް އިންތިހާބު ކުރަން އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ފަޔާ،" ޝައުނާ ވިދާޅުވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ ފައްޔާޒާއި އޭނާއަށް ބަލާއިރު ގިނައީ ދެބަސްވާ ކަންކަން ކަމަށާއި ނަމަވެސް ފައްޔާޒަކީ ކަންކަން ނިންމައިދޭ މީހެއް ކަމަށެވެ.
ނަޝީދުގެ ފަޅިން ރައީސް ޞާލިހުގެ ފަޅިއަށް ޝައުނާ އަރުއްވާފައިވާއިރު އޭނާއަކީ މީގެ ކުރިން ނަޝީދުގެ ވަރަށް އަރިސް މީހެކެވެ. ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގައި މަސައްކަތް ކުރެއްވިއިރު ވެރިކަން ބަދަލުވިފަހުން ނަޝީދުގެ ރަސްމީ އޮފީހުގައި އިސްކޮށް މަސައްކަތް ކުރެއްވީ ވެސް ޝައުނާއެވެ.
މި އިންތިހާބާ ދިމާކޮށް ނަޝީދުގެ އަރިސް އެތައް ބަޔަކު ވަނީ ރައީސް ޞާލިހުގެ ފަޅިއަށް އަރުއްވައިފައެވެ. އޭގެ ތެރޭގައި ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމްވެސް ހިމެނިވަޑައިގަންނަވައެވެ. އަދި މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ތިއްބެވީ ރައީސް ޞާލިހުގެ ފަޅީގައެވެ.
ނަޝީދުގެ ފަޅީގައި އިސްކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުންނެވިއިރު ދެން ވެސް އުޅުއްވަނީ މަޖިލީހުގެ މަދު މެމްބަރުން ކޮޅެކެވެ. ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ވެސް ނަޝީދުގެ ފަޅީގައި ތިއްބެވީ މަދުބައެކެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެގެންގޮސް ނަޝީދު މިފަހުން ވަނީ ސީދާ ސަރުކާރާ ދެކޮޅަށް ފާޑުވިދާޅުވާން ފަށައިފައެވެ. އެމްޑީޕީއަށް އެންމެ ރަނގަޅު ވާނީ ސަރުކާރާ ވަކިވުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ތުހުމަތުތަކަށް ސަރުކާރުން ރަސްމީކޮށް ރައްދެއް ނުދެއްވައެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ގެންދަވަނީ އެއީ ނަޝީދު ސިޔާސީ ގޮތުން ކުރި ހޯއްދެވުމަށް ދައްކަވާ ވާހަކަ ތަކެއް ކަމަށް ވިދާޅުވަމުންނެވެ.