ކޮލަންބޯ (މޭ 04) : ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ ކެބިނެޓްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މައްސަލަ އެ ގައުމުގެ އިދިކޮޅުން ޕާލަމެންޓަށް ވައްދައިފިއެވެ.

ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖީތު ޕްރޭމަދާސާ މިދިޔަ ހަފްތާގައިވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމުގެ މައްސަލަ މި ހަފްތާގައި ޕާލަމެންޓަށް ވައްދާނެކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ޔުނައިޓެޑް ޕީޕަލްސް ފޯސް ޕާޓީން ނެރުނު ބަޔާނެއް ބުނާގޮތުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ ކެބިނެޓްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މައްސަލަ މިހާރުވަނީ ޕާލަމެންޓަށް ހުށަހެޅުމަށްފަހު ޕާލަމެންޓްގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނާ އާ ހަމައަށް ގެންގޮސްފައެވެ.

ސްރީލަންކާގެ ރައީސް މަގާމުން ދުރުކުރުމަށް ޕާލަމެންޓްގެ ތިން ބައިކުޅަ ދެބައި ވޯޓު ބޭނުންވިނަމަވެސް ސްރީލަންކާގެ ބޮޑުވަޒީރާއި ކެބިނެޓްގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން ބޭނުންވަނީ ޕާލަމެންޓްގެ ސިންޕަލް މެޖޯރިޓީއެވެ.

ޚަބަރުތައް ބުނާގޮތުން ގޮތަބަޔައާއި މަހިންދަ މަގާމުން ދުރުކުރުމުގެ މައްސަލަ އިދިކޮޅުން ޕާލަމެންޓަށް ހުށަހެޅީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއެކުގައެވެ. މިޚަބަރު ލިޔާއިރުވެސް ސްރީލަންކާގެ އާންމުންގެ އެތައް ހާސް ބަޔަކު ގެންދަނީ ގޮތަބަޔައާއި މަހިންދަގެ އިސްތިއުފާއަށް ގޮވާލައި އަދި އެ ދެ ބޭފުުޅުން މަގާމުން ދުރުކުރުމަށް ބޭނުންވާ އެއްބާރުލުން ދިނުމަށް މެންބަރުންނަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

އަދި ރައީސް ގޮތަބަޔަ އާއި ބޮޑުވަޒީރު މަހިންދަ އާ ދެކޮޅަށް ސްރީލަންކާގެ އެހެން ސަރަހައްދުތަކުގައި ވެސް އާންމުން ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރަމުން ގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ސްރީލަންކާގެ ޕާލަމެންޓް

ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ލީޑަރު ސަޖިތު ޕްރަމަދާސާ ހުށަހެޅުއްވީ ޕާލަމެންޓްގައި ހިމެނޭ އިދިކޮޅު މެންބަރުންނާއި މުސްތަގިއްލު މެންބަރުންގެ އިތުރުން ކުރީގެ ރައީސް މައިތުރިޕަލަ ސިރިސޭނާ ގެ ސްރީލަންކާ ފްރީޑަމް ޕާޓީގެ މެންބަރުންނާ މަޝްވަރާކޮށް އެ ބޭފުޅުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވެ. ޕާލަމެންޓްގެ އިޖުރާއާތްތައް ހުންނަ ގޮތުން ވޯޓަށް އެހުމުގެ މައްސަލަ ޕާލަމެންޓްގެ ތަޅުމަށް ދާނީ ކޮންދުވަހަކުންކަން އަދި ސާފެއް ނުވެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީކަމަށްވާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއަށް ނިސްބަތްވާ 30 އަށްވުރެ ގިނަ މެންބަރުން ދާދިފަހުންވަނީ އެޕާ ޓީން ވަކިވެފައެވެ. ނަމަވެސް އެބޭފުޅުން އަދި ތިއްބެވީ މިނިވަން މެންބަރުންގެ ގޮތުގައެވެ.

މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވިނަމަވެސް އެ ބޭފުޅުންގެ ތާއީދު ސަރުކާރަށް ނޯންނާނެކަން ޔަގީންވާތީ ބޮޑުވަޒީރަށް ސްރީލަންކާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު މިހާރު ނޯންނާނެކަމަށް ވަނީ ބެލެވިފައެވެ. ސްރީލަންކާގެ ގާނޫނު އަސާސީ ބުނާގޮތުން ޕާލަމެންޓްގެ އަޣްލަބިއްޔަތު ނެތް ބޭފުޅަކަށް ބޮޑުވަޒީރުކަމުގައި ނުހުންނެވޭނެއެވެ. 23 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ސްރީލަންކާ ގެ ޕާލަމެންޓްގައި 225 މެންބަރުން ހިމެނޭއިރު ބޮޑުވަޒީރު މަގާމުން ދުރުކުރަން މަދުވެގެން 113 މެންބަރުންގެ ތާއީދު ބޭނުންވެއެވެ.

ބޮޑުވަޒީރު މަހިންދަގެ ޒައާމަތުގައި ސްރީލަންކާގައި އެކުލަވާލަން މަސައްކަތްކުރި ސަރުކާރު ވަނީ އިދިކޮޅުގެ އެއްބާރުން ނެތިގެން އެކުލަވާލެވޭގޮތް ނުވެފައެވެ. އިދިކޮޅުން ވަނީ ރައީސް ގޮތަބަޔަ އާއި އޭނާގެ ބޭބެ ބޮޑުވަޒީރު މަހިންދަ އިސްތިއުފާ ދެއްވުން ނޫނީ އެ ދެ ބޭފުޅުން މަގާމުން ދުރުކުރުން ނޫންގޮތެއް ގަބޫލުނުކުރާނެ ކަމަށް ބުނެ ގޮތަބަޔައަށް އެއްވެސް ވަރަކަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދާފައެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހު ހަލަބޮލި ވެފައިވަނީ އެގައުމުގެ އިގްތިސާދު މުޅިން އިނދަޖެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ބޭހާއި ތެލާއި ކަރަންޓް ފޯރުކޮށް ނުދެވޭ ހާލަތަށް ގައުމު ދިޔުމާ ގުޅިގެންނެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސްރީލަންކާ ތަހައްމަލުނުކުރާ އިގްތިސާދީ ތަދުމަޑުކަމެކެވެ.

ރައީސް ގޮތަބަޔާ އާއި ބޮޑުވަޒީރު މަހިންދަ ވިދާޅުވާގޮތުން މިހާލަތަށް ގައުމު ވެއްޓުނީ ކުރީގެ ސަރުކާރަށް ސްރީލަންކާގެ އިގްތިސާދީ މަޝްރޫއުތައް މެނޭޖު ނުކުރެވުމުގެ ސަބަބުންނާއި އީސްޓާ ބޮމުގެ ހަމަލާތަކާއެކު ސްރީލަންކާގެ ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ ސަބަބުންނާ އަދި 2020 ވަނަ އަހަރުގެ ކުރީކޮޅު ކުރިމަތިވި ކޮވިޑް-19 ގެ ވަބާއިން ސަލާމަތް ވުމަށްޓަކައި ދިގުމުއްދަތަކަށް ސަރަހައްދީ ރޮނގު ބަންދުކުރަން ޖެހުމުގެ ސަބަބުންނެވެ.

ނަމަވެސް މިހާލަތަށް ސްރީލަންކާ ވެއްޓުމުގައި ސްރީލަންކާގެ ކުރީގެ ސަރުކާރާ އަދި މިހާރުގެ ސަރުކާރުގެ ކޮރަޕްޝަންވެސް ބޮޑު ދައުރެއް އަދާކުރިކަމަށް އެގައުމުގެ އާންމުން ދެކެއެވެ.