ކުރީގެ ފޮރިން މިނިސްޓަރު މަރުހޫމް ފަތުޙުﷲ ޖަމީލު، ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، ޚާއްޞަ ޖަލްސާއެއް ބާއްވަން ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެއީ ފަތުޙުﷲ (ނޢޢވ) އަކީ ރާއްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާ އަދި ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށްވުމާއެކު، އެމަނިކުފާނުގެ ޚިދްމަތްތަކުގެ އަގު ވަޒަން ކުރެއްވުމަކީ، މުހިންމު ކަމެއް ކަމަށް ފެންނާތީ އެވެ.

މިޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަވާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ. ޖަލްސާ، ބާއްވަވާނެ ތާރީޚެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފަތުޙުﷲ އަވަހާރަ ވީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާދެމުން ދަނިކޮށް، ޙާލުކޮޅު ވަރަށް ސީރިއަސްވެ، ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލްގައި ޢުމުރުފުޅުން 69 އަހަރުގައެވެ.

ފަތުޙުﷲ ޖަމީލް، ސަރުކާރަށް ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ، 18 ނޮވެމްބަރ 1969 ގައި މަޖީދިއްޔާ ސްކޫލްގެ ޓީޗަރުކަމުންނެވެ. އެމަނިކުފާނު އެންމެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވަނީ، ރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ. މިގޮތުން، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ވަކީލު ކަމުގެ މަގާމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އެކްސްޓަނަލް އެފެއާޒްގެ ނައިބު ކަމުގެ މަގާމު ފުރުއްވާފައިވެއެވެ. މިނިސްޓަރ އޮފް އެކްސްޓަނަލް އެފެއާޒް ކަމުގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެވުނީ، ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، 14 މާޗް 1978 ގައެވެ.

އޭގެފަހުން، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް 11 ނޮވެމްބަރ 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓާ އޮފް ފޮރިން އެފެއާޒް ކަމުގެ ޢައްޔަން ކުރެއްވީވެސް ފަތުޙުﷲ ޖަމީލެވެ. އެމަގާމުން 14 ޖުލައި 2005 ގައި އެމަނިކުފާނު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ހަމަޖެއްސެވިއެވެ. ފަތުޙުﷲ ޖަމީލު އެންމެފަހުން ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓަރު ކަމުގެ މަގާމުގައެވެ. އަދި ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުހުﷲ އަށް ވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވެވި އިތްޒަތްތެރިޔާ ކަން ވެސް ދެއްވާފަ އެވެ.

ފަތުޙުﷲ ޖަމީލަކީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްލޭނިން އެންޑް އެންވަޔަރަންމަންޓް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ.

ފަތުޙުﷲ ޖަމީލަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެ ބައިނަލްއަޤްވާމީ މައިދާނަށް ފުޅާ ދާއިރާއެއްގައި ތަޢާރުފް ކުރެއްވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢު ގަބޫލުކުރާ ޒިންމާދާރު، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާ ޤައުމެއްކަން، ބޭރު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އަދާކުރައްވާފައިވަނި ވަރަށް މުހިންމު ދައުރެކެވެ. އަދި ރާއްޖެއަށް ބޭނުންވި ތަރައްޤީގެ އެހީތައް ހޯއްދަވައިދެއްވުމުގައާއި، ރާއްޖެއަށް ސިޔާސީގޮތުންނާއި، ޘަޤާފީގޮތުން، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލެއްވުން ހޯއްދަވައިދެއްވުމަށްވެސް އަގުހުރި މަސައްކަތްޕުޅުތަކެއް އެމަނިކުފާނުވަނީ ކުރައްވާފައެވެ. ހަމައެއާއެކު، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މާލީ އިދާރާތަކާއި، އެހެން މުއައްސަސާތަކާ ދެމެދު ގުޅުން އުފައްދަވައި، އެކަމަށްވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފައެވެ.