މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ދިނުމަށް ނިންމާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މައިގަނޑު ތިން ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައިވާއިރު ބްރޯޑްކޮމް އިން ބުނީ މި އެވޯޑުގައި ހިމެނޭ ކެޓަގަރީ ތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ބުނީ އިނާމު ދިނުމަށް ނިންމާފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ތަފްސީލާއި އެޕްލިކޭޝަން ފޯމް "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުސޫލު"ގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

މި އެވޯޑް ދިނުމުގެ މަޤްސަދަކީ ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ މުއްސަނދި، ބިނާކުރަނިވި ކޮންޓެންޓްގެ ގޮތުގައި ހެދުމަށް ބާރުއަޅައި، އެކަމަށް ހިތްވަރުދީ އަދި އެ ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

ބްރޯޑްކޮމް އެވޯޑަށް ކުރިމަތިލެވޭނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރުންނަށެވެ. އަދި، ނޫސްވެރިއެއް ނުވަތަ އަމިއްލަ ފަރާތަކުން ކުރިމަތިލާ ނަމަ ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރަކާ އެއްކޮށް ކޮށްފައިވާ މަސައްކަތަކަށް ނުވަތަ ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓަކަށްވާން ޖެހެއެވެ.

ބްރޯޑްކޮމް އިން ބުނީ މި އެވޯޑަށް އެދި ހުށަހަޅައި ހުށަހެޅުން ތަކަކީ އެކެއް ޖެނުއަރީ 2017 ވަނަ އަހަރުން ފަށައިގެން 31 ޑިސެމްބަރު 2021އަށް ބްރޯޑްކާސްޓް ކޮށްފައިވާ ޑޮކިއުމެންޓްރީއެއް
ކަމުގައިވާންވާނެ ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ކުރިއަށް އޮތް ޖޫން މަހުގެ ދޭއް ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލާފައެވެ.

ބްރޯޑްކާސްޓަރުންނަށް އެވޯޑް ދިނުމަށް ނިންމާ އެކަން އެންމެ ފުރަތަމަ ބްރޯޑްކޮމް އިން އިއުލާން ކުރީ މިދިޔަ އަހަރު ނޮވެމްބަރު މަސް ތެރޭގައެވެ. އެހެންކަމުން މިއީ ބްރޯޑްކާސްޓަރުންނަށް މި އެވޯޑް ދޭ ފުރަތަމަ ފަހަރެވެ.