04 May 2022, 13:03
މޮސްކޯ (މޭ 04) : ޔޫކްރެއިނުގައި ރަޝިއާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ނިޔޯ ނާޒީންނަށް (ހިޓްލަރުގެ ފިކުރުގެ މީހުންނަށް) އިސްރާއީލުން ތާއީދުކޮށް ވާގިވެރިވާ ކަމަށް ރަޝިއާއިން ތުހުމަތުކޮށްފިއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލާވުރޯވް ވިދާޅުވިގޮތުގައި ޔޫކްރެއިނުގައި ރަޝިއާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ކަނާތު ފިޔައިގެ ނިއޯ ނާޒީންނަށް އިސްރާއީލުން ތާއީދުކޮށް ވާގިވެރިވާ ކަމުގައެވެ. ލާވްރޯވްގެ މި ތުހުމަތަށްފަހު ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ އިސްރާއީލުން ޔުކްރޭންގެ ހައްދު ފަހަނަޅާފައިވާ ނާޒީ ފިކުރުގެ މީހުންނާއެކު ބާއްވާ ގުޅުންތަކާބެހޭގޮތުން ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ޖަރުމަނުގެ ކުރީގެ ނާޒީ ޒައީމް އެޑޮލްފް ހިޓްލަރުގެ ވެރިކަމުގައި ޔަހޫދީންނަށް ލާއިންސާނީ ބޮޑެތި ޖަރީމާތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ހިޓްލަރަށްފަހު އުފެދުނު ޔަހޫދީ ޖީލުތަކުގެ މީހުން މަސައްކަތް ކުރަނީ ހިޓްލަރުގެ ލާއިންސާނީ ފިކުރު ގެންގުޅޭ ނިޔޯ ނާޒީންނާ ގުޅިގެންކަމަށް ވަނީ ފާޅުގައި ބުނެފައެވެ.
ޔުކްރެއިން ގެ ހާލަތަށް ބަލާއިރު ޔުކްރެއިންގައި ލާއިންސާނީ ޖަރީމާތައް ހިންގާ ނިއޯ ނާޒީންނާއި ޔޫކްރެއިންގެ ޔަހޫދީން ގުޅިގެން މަސައްކަތްކުރާ ކަމަށާ އަދި އިސްރާއީލުވެސް ގެންދަނީ ޔުކްރެއިންގެ ނިއޯ ނާޒީންނާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށް އެބަޔާން ބުނެއެވެ.
އޭގެ އެއް ހެއްކަކީ ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ ޔުކްރޭންގެ ރައީސް ވްލަޑީމީރު ޒެލެންސްކީ ޔުކްރޭންގެ ނިއޯ ނާޒީންނާ ގުޅިގެން މަސައްކަތް ކުރެއްވުންކަން، ރަޝިއާގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
ޒެލެންސްކީ ޔަހޫދީއަކަށް ވިނަމަވެސް އޭނާ މަސައްކަތް ކުރައްވަނީ އެ ގައުމުގެ ނިއޯ ނާޒީންގެ ލާއިންސާނީ ރަކާތްތައް ކުރިއެރުއްވުމަށް ކަމަށް ރަޝިޔާގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.
ރަޝިއާގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަ ދައްކަވައި އަދި ރަޝިއާގެ ޚާރިޖީ ވުޒާރާއިން ޔުކްރޭންގެ ނާޒީ ފިކުރުގެ މީހުންނާއި އިސްރާއީލާ ގުޅުވާފައި ބަޔާން ނެރެފައި މި ވަނީ ޖަރުމަނުގެ ކުރީގެ އަނިޔާވެރި ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަކީ ވެސް ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ މީހެއްކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ލަވްރޯވް ވިދާޅުވުމުން އިސްރާއީލުން ރުޅިގަދަވެ ރަޝިއާ އާ ދެކޮޅަށް ޑިޕްލޮމެޓިކް ހަރަކާތްތަކެއް އިސްރާއީލުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ރަޝިއާއިން ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ކުރީކޮޅު ރަޝިއާ ދެކޮޅަށް އެއްޗެއް ބުނަން އިސްރާއީލު ފަސްޖެހިފައިވީ ނަމަވެސް މިފަހަކަށް އައިސް އިސްރާއީލު ގެންދަނީ ރަޝިއާއިން ޔޫކްރެއިނުގައި ލާއިންސާނީ ޖަރީމާތަކެއް ހިންގާކަމަށް ތުހުމަތުކޮށް ރަޝިއާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ރަޝިއާ ކުށްވެރި ކުރަމުންނެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާ ވެސް ވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޖަރީމާތަކާބެހޭގޮތުންނާ އަދި އިސްރާއީލުގެ އަނިޔާވެރި އަދި ލާއިންސާނީ މާޒީއާ ބެހޭގޮތުން ވާހަކަ ދައްކައި އިސްރާއީލު ފަޟީހަތް ކުރަން ފަށާފައެވެ.