20 Mar 2012, 19:25
ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލު ކުރަނީ އެމްޑީޕީއަށް ވާއިރު އެމްޑީޕީގެ އަޑު ނާހާ މަޖިލިސް ކުރިއަށް ގެންދަން އުދަގޫވާނެ ކަމަށާއި ޖަލްސާތައް ފެށުމަށް ސިޔާސީ ޕާޓީތައް އެއް މޭޒެއްގެ ދޮށަށް ގެންދަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ދަންނަވާފައިވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.
އެ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އިއްޔެ ޖަލްސާ ބޭއްވީ ގާނޫނީ ހަމަތަކުންކަމާމެދު ސުވާލު އުފެދޭ ކަމަށާއި އެމްޑީޕީން އެ ކަންތައްތަކާމެދު މަޖިލީހުގައި އިހްތިޖާޖު ކުރަމުން ދަނިކޮށް މަޖިލީހުހެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ނިޒާމް ގެއްލި، އެތައް މެންބަރުންނެއްގެ ނަން އިއްވައި، މަޖިލީހުގެ ތެރޭގައި އެ މެންބަރުން ވަނިކޮށް ރިޔާސީ ބަޔާނެއް ނުއިއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެންމެ ގިނަ މެންބަރުން މަޖިލީހުގައި ތަމްސީލު ކުރާ ޕާޓީއަކީ މަޖިލީސް ކަމަށްވާއިރު، އެމްޑީޕީގެ އަޑަށް މަޖިލީހުގެ ރައީސް އިޖާބަދެއްވަން ޖެހޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަޅުގަނދު މިއަދު ވެސް މި ގޮވާލަނީ ގާނޫނާއި ގަވާއިދުގެ ތެރޭގައި މިކަން ކުރެވޭނެ ގޮތެއް ހޯދައި ދިނުމަށް. ކުރިމަތިވެފައިވާ ސިޔާސީ މައްސަލަ ހައްލަކަށް ގެނެވޭނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަދިވެސް ހުރިހާ ޕާޓީތަކެއް އެއް މޭޒެއްގެ ދޮށަށް ގޮސް ސުލްހަވެރިކަމާއެކު ވާހަކަދެކެވިގެން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަހުމަދު ސަމީރު ވިދާޅުވީ އިއްޔެގެ ޖަލްސާގައި ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވެވި އަޑު ނީވޭ ކަމަށެވެ. އަދި އެއީ ރިޔާސީ ބަޔާނެއް ކަމާމެދު ސުވާލު އުފެދޭ ދަރަޖައަކަށް ކަންތައްތައް ގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އޮފީހުގެ ވެބް ސައިޓްގައި ޝާއިއުކޮށްފައިވާ ރިޔާސީ ބަޔާނާއި މަޖިލީހުގައި ވަހީދު އިއްވެވި ރިޔާސީ ބަޔާނާ ވެސް ތަފާތު ކަމަށެވެ. އެހެން ކަމުން ރިޔާސީ ބަޔާން މަޖިލީހުން ބަލައިގަންނަ ނަމަ ބަލައިގަނެވޭނީ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުން ބައެއް ކަމަށެވެ.
ރައީސް ވަހީދުގެ ރިޔާސީ ބަޔާނަށް ހުރަސް އެޅުއްވުމަށްޓަކައި އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ހިންގެވި އަމަލުތަކާ ގުޅިގެން އިބޫ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތަކުގެ ވާހަކަ މަޖިލީހުގެ ގަވާއިދުގައި ލިޔެފައިވާ ކަމަށެވެ. ނަމަވެސް ޑިމޮކްރަސީއެއް ހަލާކުވެގެންދާއިރު އެމްޑީޕީން ބަލަހައްޓައިގެން ނުތިބޭނެ ކަމަށެވެ.
"ޓީވީ ބައްލަވާ ބޭފުޅުންނަށް އެންމެ ބަލަން ބޭނުންނުވާ މަންޒަރު ނުފެނި ހިނގައިދާނެ. ޑިމޮކްރަސީ އުފަންވެގެން އަންނައިރުގައި އެއީ ފެންނަ މަންޒަރެއް. ޑިމޮކްރަސީ އަޅުގަނޑުމެންގެ އަތުން ދޫވެގެން ނުދިއުމަށްޓަކައި އެފަދަ ކަންތައްތަކެއް އެމްޑީޕީގެ ޕާލަމެންޓް މެންބަރުން އެ ހިންގެވީ،" އިބޫ ވިދާޅުވި އެވެ.