20 Mar 2012, 18:15
މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީހުން އަނެއްކާވެސް ފެތުރެން ފަށާފައިވާ ކަމަށް ސީސީއެޗްޑީސީން ބުނެފި އެވެ.
ސީސީއެޗްޑީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭ އަތޮޅުތަކުން ދެ ރަށެއްގައި ޑެންގީހުން ފެތުރެން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ދެ ރަށެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ. އެ ސެންޓަރުން ބުނީ މި އަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން 163 މީހުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެގޭތެރެއިން 100 ކޭސް ރިޕޯޓު ކޮށްފައިވަނީ މާލެ އާއި ހުޅުމާލެއިން ކަމަށެވެ. އަދި 63 ކޭސް ރިޕޯޓް ކޮށްފައިވަނީ އަތޮޅު ތެރެއިންނެވެ.
މިދިޔަ އަހަރު މާލެ އާއި އަތޮޅުތެރޭ ފެތުރިގެންދިޔަ ޑެންގީ ހުމަށްފަހު މާލެ އާއި ހުޅުމާލޭގައި ޑެންގީހުން އުޅެމުންދާ ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ.
އާންމު ގޮތެއްގައި ޑެންގީހުން އިތުރުވަނީ ވިއްސާރަ ދުވަސްވަރުގައި ކަމަށް ވިޔަސް، މާލެ އާއި ހުޅުމާލޭގައި ހިމެނޭ ސަރަހައްދު ތަކުގައި އިމާރާތްކުރުމުގެ މަސައްކަތް މެދުނުކެނޑި ހިނގާ ސަރަހައްދު ތަކަށްވާތީ މަދިރި އާލާވުމުގެ ފުރުސަތު ރާއްޖޭގެ އެހެން ހިސާބުތަކަށްވުރެ ބޮޑު ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ.
މިދިޔަ އަހަރު މާލެ އާއި އަތޮޅު ތެރޭ ޑެންގޫ ހުން ޖެހިގެން 10 މީހަކު މަރުވެފައި ވެއެވެ.