މިހާރުގެ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަކީ މިލިޓަރީ ޑިކްޓޭޓަޝިޕް ވެރިކަމެއް ކުރާ ސަރުކާރެއް ނޫންކަމަށް އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވާ ކަމަށް ބުނާ އޯޑިޔޯއެއް މިއަދު އާންމު ވެއްޖެ އެވެ.

އާންމުވި އޯޑިޔޯ ގައި ޑީޑީ ވިދާޅުވެފައިވަނީ މިހާރުގެ ސަރުކާރުން މިލިޓަރީ ޑިކްޓޭޓާ ޝިޕަކަށް ދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މިހާރު ވެރިކަމުގެ ބާރުތަކުގެ ތެރޭގައި ހިމެނި ވަޑައިގެންނަވާ ބޭފުޅުންނަކީ މިލިޓަރީ ބައެއް ނޫން ކަމަށެވެ.

މިހާރު އުފެދިފައިވާ ސަރުކާރާއި މުހާތަބުކޮށް މިލިޓަރީ ވެރިކަމެކޭ ބަޔަކު ކިޔަނީ ފުލުހުންނާއި ސިފައިން ގެނައި ބަޣާވާތެއް ކަމަށް ބަޔަކު ބުނެ އެ އަޑު ތަންކޮޅެއް ބާރަށް އިވޭތީ ކަމަށް ވެސް އެ އޯޑިޔޯގައި ޑީޑީ ވިދާޅުވެ އެވެ.

"ފުލުހުންނާއި ސިފައިން ގެނައި ބަޣާވާތޭކޭ ބުނެ އެ އަޑު ތަންކޮޅެއް ބާރުކޮށް އެއަޑު އިވޭތީ އެއަށް ފޯކަސް ކުރެވިގެން އުފެދޭ ސުވާލަކަށް ފަހަރުގައި ވެދާނެ. އެކަމަކު އެއީ އެހެން އޮތް ކަމަށް ނުދެކެން. އެހެނިހެން ގައުމުތަކުގައި މިލިޓަރީ ކޫއެއް ގެނެސްފިއްޔާމު މިލިޓަރީ ވެރިކަމެއް އޮންނާނީ،" ޑީޑީ ވިދާޅު ވިއެވެ.
އެމްޑީޕީގެ ރައީސް ވިދާޅުވީ ރާއްޖޭގެ މިއަދުގެ ސަރުކާރަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މައިގަނޑު ގޮތެއްގައި ސަރުކާރު ހިންގަނީ ސިޔާސީ ލީޑަރުން ކަމަށާއި މި ސަރުކާރުގެ ތެރެއިން މިލިޓަރީ ސިފަތަކެއް ފެންނަން ހުރިކަމަށް ގަބޫލު ނުކުރޭވެ ކަމަށެވެ.

ޑީޑީގެ އޯޑިޔޯ ފެށިގެން އަންނައިރު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މިހާރުގެ ސަރުކާރައި ވާހަކަ ދައްކާ ދޫދީގެން ކޮންމެވެސް ކަމަކަށް މަގުފަހިކުރުވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ވީނަމަވެސް އެއީ ކޮންކަމެއްކަން އޯޑިއޯއިން ސާފެއް ނުވެއެވެ.

މިއޯޑިއޯއަކީ ކޮންމެވެސް ބޭފުޅަކު ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވާފައިވާ އޯޑިއޯއެއްކެވެ. ނަމަވެސް ސުވާލުތައް ވަނީ ކަނޑާލާފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ