02 May 2022, 00:03
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 19ވަނަ ދުވަހު ބާއްވަން ހަމަޖައްސާ އިއުލާނުކޮށްފިއެވެ.
އިއްޔެ އެ ކުންފުނިން ނެރުނު ނޯޓިހުގައި ވާގޮތުން، އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ. އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ނަންނޯޓުކުރުމަށް އެމްޓީސީސީން އެދެއެވެ.
އެކުންފުނިން އިއްޔެ އާންމުކުރި އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ވަނީ 1.95 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 44 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ސާފުފައިދާގެ ގޮތުގައި 232 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.
ޑިވިޑެންޓުގެ ގޮތުގައި ބެހުމަށް ކުންފުނީގެ ބޯޑުން ހިއްސާދާރުންނަށް ހުށަހެޅުމަށް ފާސްކުރީ 3.50 ރުފިޔާއެވެ.