01 May 2022, 23:07
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް އިން އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށް 554 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައިފިއެވެ.
އެ ކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ 18 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއީ 55 އިންސައްތައިގެ ކުރިއެރުމެކެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުން ދޫކުރި ލޯނުތަކުގެ އަދަދު އިތުރުވުމާއެކު، ލޯނުތަކުގެ ފެންވަރު ރަނގަޅުވުން ވެސް މިދިޔަ ކުއާޓަރުގެ ފައިދާ އިތުރުވުމަށް މަގުފަހިކުރި ކަމަށެވެ. އެ ކުންފުނީގެ ރައުސްމާލާއި، ލިކުއިޑިޓީ ނިސްބަތް ގާނޫނުން ލާޒިމުކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ކުންފުނި މިހާރު އޮތީ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ހިސާބެއްގައި ކަމަށެވެ.
"ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން" އޭނާ ވިދާޅުވިއެވެ.
މިދިޔަ ކުއާޓަރުގައި އެ ބޭންކުން ވަނީ އިތުރު ހަތަރު ރަށަކަށް ޚިދުމަތް ފުޅާކޮށްފައެވެ. އަދި، 40ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮންމެ މަހަކު ޚާއްސަ ހަރަކާތެއް ވެސް އަންނަނީ ބާއްވަމުންނެވެ.