20 Mar 2012, 17:31
ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަނުގެ އިސްވެރިއަކަށް ކުރީގެ ޑިފެންސް މިނިސްޓަރު އިސްމާއިލް ޝަފީއު ހުންނެވުމުން އެކަމާ ހިތްމަނުޖެހިގެން ވާހަކަފުޅު ދައްވާފައިވާ ކަމަށް ބުނާ އޯޑިއޯއަކާއި މަސްތުވާތަކެތީ ބާވަތެއް ކަމަށްވާ ހަކުރު ބޭނުން ކުރާ ކުދިންނަށް ގަންޖާ ދޭން ޖެހޭނެ ރައީސް ނަޝީދު ވިދާޅުވާ ކަމަށް ބުނާ އޯޑި ކްލިޕެއް އާންމު ވެއްޖެ އެވެ.
ރައީސް ނަޝީދު ޝަފީއުއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ތިރީސް ތިން ސިކުންތުގެ އެ އޯޑިއޯގައި ކޯފާވެފައިވާކަމަށް ބެލެވެނީ ވެރިކަން ވެއްޓުމުގެ ހާދިސާ ތަހުގީގުކުރަން ރައީސް ވަހީދު އުފައްދާފައިވާ އިންކުއަރީ ކޮމިޝަނުގެ އިސްބޭފުޅަކަށް އިސްމާއިލް ޝަފީއު ހަމަޖެއްސެވުމުން ކަމަށް ވާހަކަތަކުން ދޭހަވެ އެވެ.
މި އޯޑިޔޯގައި ނަޝީދު ވިދާޅުވަނީ މިހާރު ރާއްޖޭގައި މިނިވަން މުއައްސަސާއެއް ހުރިކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޝަފީއުއަކީ ޑިފެންސް މިނިސްޓްރީގައި ހުންވައިގެން އަނިޔާކުރެއްވި ބޭފުޅެއް ކަމަށާއި މ. އޭޝިޔާ ހަސަން އީވާން ނަސީމް މަރާލީ ޝަފީއު ހޯމް މިނިސްޓަރަކަށް ހުންވިއިރު ކަމަށެވެ. އިތުރަށް ވިދާޅުވެފައި ވަނީ އެފަދަ ކޮމިޝަނަކުން އެކަން ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިންކުއަރީ ކޮމިޝަނުގައި އިންޓަނޭޝަނަލީ ރިކޮގަނައިޒް އިންވެސްޓިގޭޝަނެއް ހިންގަން ޖެހޭނެ ކަމަށެވެ.
"...ސަރުކާރުން އެކަން ތަހުގީގުކުރުމަށް ލާފައި އިނީ އިސްމާއިލް ޝަފީއުއާއި ތިން ބޭފޫޅުން. އިސްމާއިލް ޝަފިއުއަކީ ހޯމް މިނިސްޓަރަކަށް ހުންނަވައިގެން އަނިޔާކުރި އެކަކު. ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އެންމެ ބޮޑަށް [އަޑު ކެޑިފައި] އީވާން ނަސީމް މަރާލީ އިރު ހޯމްމިނިސްޓަރަކަށް ހުންނެވީ އިސްމާއިލް ޝަފީއު،" އެއޯޑިޔޯގައި ނަޝީދު ވިދާޅުވެ އެވެ.
މަސްތުވާތަކެތީގެ ވާހަކަ ދައްކަވާފައިވާ އޯޑިއޯކޮޅުގައި ވިދާޅުވަނީ ހަކުރުބޯ ކުދިންނަށް ގަންޖާ ދޭން ފެނިވަޑައިގަންނަވާ ކަމަށެވެ. އެއީ ކޮން ދުވަސްރެއްގައި ވިދާޅުވެފައިވާ ވާހާކަފުޅެއްކަން ސާފެއް ނުވެ އެވެ. ކުޑަކުޑަ އެ އޯޑިއޯކޮޅުގަ އަންނަނީ މިހެނެ: "އަޅުގަނޑަށް ފެންނަނީ ހަމަ ހަކުރު ބޯކުދިންނަށް ގަންޖާ ދޭން!"
ލިޔުމާ ގުޅޭ އޯޑިއޯ