ނައިބު ރައީސް، ފައިސަލް ނަސީމް، ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ނިއުޔޯކަށް މިއަދު ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ޢައިޝަތު ޝަމްޞަދާ އާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، "ފުޓިން ސަސްޓެއިނަބަލް އެންޑް ރިޒިލިއަންޓް ޓޫރިޒަމް އެޓް ދަ ހާޓް އޮފް އޭން އިންކްލޫސިވް ރިކަވަރީ" މި މައުޟޫއަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް ބާއްވަވާ މަތީ ފެންވަރުގެ ތީމެޓިކް ޑިބޭޓްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖައްސަވާފައެވެ.

މި ޑިބޭޓް ބާއްވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އާއި ޔޫއެންޑީޕީއާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) ގުޅިގެންނެވެ.

މި ހަރަކާތުގެ ސަބަބުން މެމްބަރު ގައުމުތަކަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް، ހައިލެވެލް ތީމެޓިކް ރައުންޑްޓޭބަލް ތިން ބައްދަލުވުމެއްގައި ސްޓްރެޓެޖީތަކާމެދު މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖައްސަވާފައިވަނީ މި ހިނގާ މޭ މަހުގެ 11 ވަނަ ދުވަހުގައެވެ.