01 May 2022, 16:15
ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވިކަން އިއުލާނު ކުރެއްވުމަށް ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ މިފަދަ ބަދަލުތައް ގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަށް ނޫން ކަމަށާއި މިއީ މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.
އަދި މިއީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ޤައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޓީޗަރުންގެ މުސާރަ ބޮޑުވުމުން ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިވާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ. މިއީ ދިވެހިން އެދޭގޮތަށް ދިވެހިންގެ އަތްމަތިން ދިވެހި ޤައުމު ބިނާކޮށް އާރާސްތު ކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް," ރައީސް ވިދާޅުވިއެވެ.
ޓީޗަރުކަމުގެ ފަންނާ ގުޅޭގޮތުން ހެދި ދިރާސާއިން ފާހަގަވިގޮތުގައި ޓީޗަރުންނަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރަ ކުޑަވުމެއް ނޫންކަން ފާހަގަކޮށް ރައީސް ވިދާޅުވީ އޭގެ އިތުރުންވެސް ކިތަންމެ އެހެން ކަންތައްތަކެއް ދިމާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ހަތަރު މައްސަލައަކީ، މުސާރަ ކުޑަވުމާއި، ވާރކްލޯޑާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމާއި، ޙައްޤުތައް ކަށަވަރުނުވުމުގެ މައްސަލައާއި، ވަސީލަތްތައް މަދުވުމުގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަންކަން ޙައްލުކުރުމަށް އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ، މާ ގިނަ ދުވަސްތަކެއްނުވެ އަޅުގަނޑުމެންނަށް ފެންނަން ފަށާނެ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާ ކުރިއެރުވުމަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެގެންދިޔުން," ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން އިއުލާނުކޮށްފައިވާއިރު އެ މުސާރަ ޓީޗަރުން ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.