ރާއްޖޭގެ އާމްދަނީ ލިބޭ މައިގަނޑު އެއް ދާއިރާކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ އަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. މި ދާއިރާގެ ރޭހަށް ނުކުންނަ ރިސޯޓުތައް ދުވަހެއް ދުވަހަކަށް ވަނީ އިތުރެވެ.

އެކަމަކު، އިވޭ އަޑަކީ ފަހިވާ ވަޒީފާގެ ފުރުސަތު ތަކުގައި މުޖުތަމަޢު ބައިވެރި ނުކުރާ ވާހަކައެވެ. މުޖުތަމަޢުގެ އާއްމު ފަރުދުންނަށް ފުރުޞަތުތައް ނުލިބޭ ވާހަކައެވެ. އުފެދޭ ވަޒީފާގެ ފުރުސަތުތައް ވެސް ގިނަ ފަހަރަށް ދެނީ ބޭރުގެ ބަޔަކަށެވެ.

ނަމަވެސް މި ކަންކަން ބަދަލުކޮށް، މުޖުތަމައު ބައިވެރިކުރާނޭ ފަރާތެއް މިހާރު އެބަހުއްޓެވެ. ރަށުގައި ތިބެގެން އާއްމުންނަށް އާމްދަނީ ހޯދޭނެ ފުރުސަތުތަކެއް ފަހިކޮށްދޭނެ މިތުރަކު އަދު އެބަހުއްޓެވެ.

މަތީފަންތީގެ އެތައް ރިސޯޓެއް އޮންނަ ނ. އަތޮޅުގެ ފަތުރުވެރިކަން ފުޅާވީ، އެ އަތޮޅު ދިގުރަށުގައި "ސިޔާމް ވޯލްޑް" ރިސޯޓު ހުޅުވުމުންނެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓެވެ.

މި ރިސޯޓުން ފަހިކޮށްދެނީ އާންމު ރައްޔިތުންނަށް އެތައް ފުރުސަތެކެވެ. ނ، އަތޮޅުގެ، ހާއްސަކޮށް ކުޑަފަރީގެ ރައްޔިތުންނަށް ސިޔާމް ވޯލްޑް ހުޅުވުމާއެކު ގެނެސްދިނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.

ކުޑަފަރީ ރައްޔިތުންނަށް ސިޔާމް ވޯލްޑްގައި ކުނިކެހުމުގެ ވަޒީފާގެ ފުރުސަތުތަކާއި ރޮށިފިހުމާއި ހެދިކާހެދުމުގެ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލަދިނެވެ. ނ.ކުޑަފަަރީ ރައްޔިތުންނަށް އާމްދަނީ ލިބޭނޭ އިތުރު މަގުތަކެއް ތަނަވަސްވިއެވެ. ދިރިއުޅުމަށް އިތުރު ކުރިއެރުމެއް ގެނުވައިދިނެވެ.

"ސިޔާމް ވޯލްޑުން" ލިބުނު ވަޒީފާގެ ފުރުޞަތުތައް

ސިޔާމް ވޯލްޑުން ފަހިކޮށްދިން ވަޒީފާގެ ފުރުސަތު ތަކާއެކު ކުޑަފަރީ އެތައް ބައެއްގެ މޫނަށް އުޖާލާކަން ގެނުވައިފިއެވެ. އާމްދަނީއެއް ލިބުމުގެ މަގެއް ނުފެނި ތިބި އެތައް ބަޔަކަށް އެ މަގު ކޮށައިދީފިއެވެ. ކަނިވެ ނިވެމުންދިޔަ އުންމީދުގެ ހުޅުކޮޅު ދިއްލައިލަދީފިއެވެ.

އިއްޔެގެ ވަގުތެއްގައި ސިޔާމް ވޯލްޑް ރިސޯޓުން ކުޑަފަރީގެ އަންހެނުން ކޮމިޓީއާއެކު ވި އެެއްބަސްވުމަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް އެ ރަށު ރައްޔިތުންނަށް ފުރުސަތު ހޯދަދޭނެކަމެވެ. މި ފުރުޞަތާއެކު ޖުމްލަ 1.6 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮންމެ ދުވަހަކު 2500 ރޮށި ފިހެ ސިޔާމް ވޯލްޑަށް ފޮނުވުމުގެ މަސައްކަތުގައި ޖުމްލަ 30ހަކަށް މީހުން ބައިވެރިވާއިރު ކޮންމެ މީހަކަށް މަހު އުޖޫރައެއްގެ ގޮތުގައި 3900 ލިބޭނެއެވެ.

"ޑޭ ޖޮބް" އުސޫލުން ސިޔާމް ވޯލްޑަށް ކުނިކަހަން ދާ ކޮންމެ އަންހެނަކަށް މަހެއްގެ މައްޗަށް 8000 ރުފިޔާ ލިބޭ ކަމަށް އެމަސައްކަތުގައި ހަރަކާތްތެރިވާ އަންހެނަކު ކިޔައިދިނެވެ. މި މަސައްކަތުގައި އަދި ހަރަކާތްތެރިވަނީ އެ ރަށުގެ 15 އަންހެނުންނެވެ. މިއީ އަހަރެއްގެ މައްޗަށް 1.4 މިލިއަން ރުފިޔާއެވެ.

ކުނިކެހުމުގެ މަސައްކަތް މިހާރު ކުރާތާ ތިން މަސް ވެއްޖެކަމަށް އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރު މިލްހާނާ ވިދާޅުވިއެވެ.

"ރިސޯޓުގެ ކުނިކެހުމުގެ މަސައްކަތް ކުރަމުން އަންނަނީ ރަށުގެ އަންހެން ވެރިން، މިހާރު ތިން މަސް ވެއްޖެ. މިކަމުގައިވެސް ފިރިހެނުންނަށްވުރެއް ގިނައިން ހަރަކާތްތެރިވަނީ އަންހެނުން." މިލްހާނާ ވިދާޅުވިއެވެ.

ވަޒީފާގެ ގަޑިތަކާއި ވަޒީފާގެ މާހައުލު

ވަކި ދުވަހެއްނެތި ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުުނު ހައެއް ޖަހާއިރު ލައުންޗްގައި ކުނިކަހާ ކުޑަފަރީގެ އަންހެންވެރިން ސިޔާމް ވޯލްޑަށް ދެއެވެ. ގޮސް މަސައްކަތަށް ފަށަނީ ހެނދުނުގެ ސައި ބޮއެގެން ކަމަށް ކުނިކަހަންދާ މީހަކު ކިޔައިދިނެވެ.

ހެނދުނުގެ ސަޔަށް ފަހު ކުނިކެހުމައިގެން އަވަސްވެ ދެން ކުނިކެހުން ހުއްޓާލަނީ މެންދުރު 11 ޖަހާއިރުއެވެ. މެންދުރު ނަމާދާއި ކެއުމުން އަވަދިވެގެން އެކެއް ޖަހާއިރު އަނެއްކާ ވެސް ކުނިކަހަން ފަށައެވެ. ދުވަހުގެ މަސައްކަތުގެ ވަގުތު ނިމެނީ ހަވީރު 16:30 ކަން ހާއިރުއެވެ. އެއަށްފަހު ރަށަށް އައުމަށް ފުރަނީ 16:45ގައެވެ.

ކުޑަފަރީ އަންހެނުންނަށް ލިބުނު ހަމައެކަނި ފުރުސަތަކީ ކުނިކެހުމެއް ނޫނެވެ. ކުޑަފަރީގެ މީރު ރަހަތަކަށް ވެސް މިއީ ރަނުގެ ފުރުސަތެކެވެ.

ކުޑަފަރި އަންހެނުންނަށް ލިބުނު ފުރުސަތުތަކަކީ ސިޔާމް ވޯލްޑަށް ރޮށި ފިހުމާއި ހެދިކާ ހެދުމެވެ. ރޮށި ފިހުމަށް ގިނަ އަދަދެއްގެ އަންހެނުންނަށް ފުރުސަތު ދީފައިވާއިރު ކޮންމެ ދުވަހަކު މީހަކު 80 ރޮށި ފިހަން ޖެހޭކަމަށް ރޮށި ފިހުމުގައި އިސްކޮށް އުޅޭ މީހަކު ކިޔައިދިނެވެ.

ކޮންމެ ދުވަހަކުވެސް ތިނެއް ޖަހާއިރަށް ރޮށިފިހެގެން ގެންދަން ޖެހޭކަމަށާއި މި މަސައްކަތަކީ ދަރިންބަލަމުން ގޭގައި ހުރެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެ މަސައްކަތުގައި މިހާރު ވެސް އުޅޭ، ޝިމްލާ ފާހަގަކުރިއެވެ.

"އަޅުގަނޑު އަސްލު ގޭގައި ހުންނަނީވެސް ދަރިން ބައިތިއްބައިފަ ގޮސް މަސައްކަތް ނުކުރަން ވެގެން. އެކަމު ކޮންމެ ދުވަހަކު ގޭގައި ހުރެގެން ރޮށި ފިހެލައިފައި ގެންދުން އަސްލު ވަރަށް ފަސޭހަކަމެއް. އަނެއްކާ ރަނގަޅު އާމްދަނީ އެއް ލިބޭ." ޝިމްލާ ބުންޏެވެ.

ހެދިކާ ހެދުމުގެ މަސައްކަތްވެސް މިއަދު ފެށޭއިރު ކުޑަފަރީ އަންހެނުންގެ މޫނުމަތިން ފެންނަނީ އުއްމީދީ ކުލަވަރެކެވެ.

ވަޒީފާ ލިބުނު މީހުންގެ ޝުޢޫރުތަކާއި ދިރިއުޅުމަށް އައި ބަދަލުތައް

އާމްދަނީއެއް ލިބޭނޭ ގޮތެއް ނެތް އެތައް ބަޔަކަށް އެ ފުރުސަތު ލިބުމަކީ ކުޑަކަމެއްނޫނެވެ. އެ މީހުންގެ ދިރިއުޅުމުގެ ހާލަތު އިހަށްވުރެ، މިހާރު ރަނގަޅުވާނެކަން ގައިމެވެ.

ސިޔާމް ވޯލްޑުން ފަހިކޮށްދިން މި ވަޒީފާތަކުގައި މަސައްކަތްކުރާ ދެތިން މީހަކު އެ މީހުންގެ އިހުސާސްތައް "ސަން"އާ ހިއްސާކުރިއެވެ.

ސިޔާމް ވޯލްޑަށް ކުނިކަހަން ދާ ސަފިއްޔާ ދައްތައާ މިކަމާ މެދު ދެކޭގޮތް ހޯދާލުމަށް ސުވާލުކޮށްލުމާއެކު ރޮމުން ސަފިއްޔާ ކިޔައިދިނީ ހިތްދަތި ވާހަކައެކެވެ.

ސަފިއްޔާއަކީ އުމުރުން 63 އަހަރުވެފައިވާ އެކަނިމާއެކަނި ދިރިއުޅެމުންދާ މީހެކެވެ. އާމްދަނީއެއް ލިބޭނެ ގޮތެއް ނެތެވެ. އޭނާގެ އެއްވެސް ދަރިއަކު ކައިރިއަކު ނޫޅެއެވެ. ކުނިކަހަން ދާން ފެށުމާއެކު ކޮންމެ މަހަކު ލިބޭ 8000 ރުފިޔާވީ މި ދައްތަގެ ދިރިއުޅުމަށް އުފާވެރިކަން ގެނުވި ހެޔޮ ބަދަލަކަށެވެ.

"ކޮއިފުޅާ. ދައްތަ އުޅެނީ އެކަނިމާއެކަނި. ދަރިއަކު ވެސް ކައިރިއަކު ނޫޅެ. ދައްތަމެން ކަހަލަ މީހުންނަށް ސިޔާމް ފަދަ ބޭފުޅަކު މިކަހަލަ ފުރުސަތެއް ދެއްވުމަކީ ދައްތަމެންގެ ނަސީބު. މި ހެޔޮކަން ދައްތަ ދުވަހަކުވެސް ހަނދާނުން ނުދާނެ. ސިޔާމަކީ ރަށުގެ ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭ ރަށު ދަރިއެއް. ރަށް ދެކެ ލޯބިވާ ދަރިއެއް،" ސަފިއްޔާ އެ ވާހަކަ ކިޔައިދިނީ ރޮވިފައިހުރެއެވެ.

އެކަނިމާއެކަނި އުޅެން ޖެހުނަސް މިހާރު އުޅެވޭ ވަރު ވާނެކަމަށް ސަފިއްޔާ ދައްތަ ފާހަގަކުރީ މިފުރުޞަތު ދިން ދ. މީދޫ ދާއިރާ މެންބަރު، ކުޑަފަރީގެ ދަރިއެއް ކަމަށްވާ ސިޔާމަށް ޝުކުރުއަދާކުރާ ޙާލުގައެވެ.

އަމިއްލަ ރަށަށް އޮންނަ ލޯތްބަކީ ވަރުގަދަ ލޯތްބެކެވެ. އެއީ ތަފާތު އިހުސާސެކެވެ. ތިމާއަށް ވީ ވަރަކުން ، ރަށުގެ ރައްޔިތުންނަށް އެހީތެރިވުމަކީ ގުޅުންތައް ބަދަހިވާނެކަމެކެވެ. ރަށް ކުރިއަރާނެ ކަމެކެވެ.

އުފަން ރަށް ކުޑަފަރިއަށް ސިޔާމްގެ ހިދުމަތްތައް އަދަދު ނުކުރެވެއެވެ. އެ ރަށު ކޮންމެ ރައްޔިތަކަށްމެ އޭނާގެ އެހީތެރިކަން ލިބޭނެއެވެ. ރަށުގެ ކުރިއެރުމާއި ރައްޔިތުންގެ އުފަލަށް ޓަކައެވެ.