20 Mar 2012, 17:28
ސިފައިންގެ ގާނޫނީ ވާޒިބު އަދާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި އާއްމު ފަރާތްތަކަށް އަނިޔާކުރަމުން ގެންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ދޮގުވާހަކަތައް ދައްކަމުން ގެންދާ ކަމަށް ގައުމީ ދިފާއީ ބާރުތަކުން ބުނެފި އެވެ.
ގައުމީ ދިފާއީ ބާރާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ އެފަދަ ހަގީގަތާ ހިލާފް ވާހަކަތައް ކުށްވެރިކޮށް އެމްއެންޑީއެފުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދާއިރު އާއްމުންނަށް އަނިޔާކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ގެންދާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީސް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ސެކިއުރިޓީ ބެލެހެއްޓި ސިފައިން، މަޖިލީހުގެ ޗެމްބަރު ތެރޭގައި ހަމަނުޖެހުން އުފެއްދި މެމްބަރުން ޗެމްބަރުން ނެރުމުގެ ތެރޭގައި އަނިޔާކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މަޖިލީހުގެ ޗެމްބަރުން މެމްބަރުން ނެރެފައިވާނީ މީގެ ކުރިންވެސް މެމްބަރުން ނެރެމުން އަންނަ އުސޫލުން ކަމަށާއި ސިފައިންނޭ ކިޔައިގެން ދައްކަމުން ގެންދާ އެފަދަ ހަގީގަތާ ހިލާފު ވާހަކަތަކަކީ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ ސިފައިންގެ ޝާނާއި ޝައުކަތު ގެއްލުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށް ބުންޏެވެ.
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލްކުރެއްވި ނުވަ ބޭފުޅެއް ނަން މަޖިލީހުގެ ރައީސް އިއްވަވާފައިވާއިރު އޭގެ ތެރެއިން ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިނުގެންނެވުމުން އެމެންބަރުން ނެރެފައިވަނީ ގައުމީ ދިފާއީ ބާރުތައް ބޭނުންކޮށްގެން ގަދަކަމުންނެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ، ދިވެހިރައްޔިތުންގެ ހިމަޔާތާއި ގާނޫނު އަސާސީ ދެމެހެއްޓުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ގައުމަށް ހިދުމަތް ކުރުންމަތީ ދެމިތިބޭނެ ބައެއް ކަމުގެ ޔަގީންކަން ވެސް ގައުމީ ދިފާއީ ބާރުން އެނޫސްބަޔާނުގައި ދީފައިވެ އެވެ.