01 May 2022, 14:57
އުޖޫރައިގެ ތަފާތުތައް ނައްތާލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، އިއުލާން ކުރެއްވުމަށް ދެއްވި ވީޑިއޯ ހިތާބުގައި ރައީސް ވިދާޅުވީ, އިޖުތިމާޢީ ޢަދާލަތު ހިފެހެއްޓުމަށްޓަކައި، ހުރިހާ ދާއިރާއެއްގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަކީ ކުރާނެ ކަމެއް ކަމަށެވެ.
"މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ," ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ ޒިންމާތަކާ ޙަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ، ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން ރައީސް ވިދާޅުވިއެވެ.
އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ޤާނޫނީގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލަކީ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައި ކަމަށް ރައީސް ވިދާޅުވިއެވެ.
"ޞުލްޙަވެރި ހަމަޖެހޭ އަމާން ދިރިއުޅުމަކުން ހޯދޭ އިޤްތިޞާދީ ފޯރުންތެރިކަމުގެ ލާބަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން," ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ތައުލީމީ ދާއިރާއަށްފަހު ދެން އެންމެ އަވަހަށް މުސާރަ ބޮޑު ކުރުމަށް ހަމަޖެހިފައިވީ ސިއްހީ ދާއިރާގެ މުވައްޒިފުންގެއެވެ.
ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.