01 May 2022, 18:01
ނެތެމުންދާ ގުޅުންތައް ވަރުގަދަކޮށް، އެކަކު އަނެކަކާމެދު ހިތް ސާފުކުރުމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.
މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، އެމްޑީއޭގެ އެންމެހައި މެމްބަރުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި، ސިޔާމް ނެރުއްވި ޚިތާބުގައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޢީދުގެ އުފާ ފާހަގަކުރަމުންދާ އެންމެހައި މުސްލިމް އަޚުންނާއި އުޚްތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ބަރަކާތްތެރި ރަމަޟާން މަހެއް ނިންމައި، ފިޠުރު ޢީދުގެ އުފަލާ މިކުރިމަތިލީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އުނދަގޫތަކުން އަރައިގަނެ، ޢާންމު ދިރިއުޅުމާއިގެން ކުރިއަށްދިއުމުގެ އުފާ ލިބިގަންނަމުންކަން ފާހަގަކުރައްވައި ސިޔާމް ވަނީ، ކޮވިޑްގެ ބަލިމަޑުކަމުން މިންޖުކުރައްވައި، ޢާންމު ޙާލަތަކަށް ރުޖޫޢަވުމުގެ މަތިވެރި ތަޢުފީޤު ދެއްވިކަމަށްޓަކައި، މާތްﷲ ސުބުހާނަޙޫ ވަތަޢާލާއަށް ޙަމްދުކޮށް ޝުކުރު އަދާކުރައްވާފައެވެ.
ފިޠުރު ޢީދު ދުވަހަކީ އުފާފާޅުކޮށް، ޝުކުރު ކުރުމުގެ ދުވަހެއްކަން ފާހަގަކުރައްވައި ސިޔާމް ވަނީ އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިވުމަށް އެދިވަޑައިގެންފައެވެ. އަދި ނެތެމުންދާ ގުޅުންތައް ވަރުގަދަކޮށް، އެކަކު އަނެކަކާމެދު ހިތް ސާފުކުރުމަށް ވެސް ގޮވާލެއްވިއެވެ.
"މި ދުވަހު އަޅުގަނޑުމެން ހުރިހާ މުސްލިމުންގެވެސް އެންމެ ބޮޑު ޢަޒުމެއް ކަމުގައި ވާންވީ އެއްބައިވަންތަ އިސްލާމީ މުޖްތަމަޢެއްގެ ގޮތުގައި ދެމިއޮތުމަށް ގަދައަޅާ މަސައްކަތް ކުރުން. ހަމައެހެންމެ ރަމަޟާން މަހެކޭ އެއްފަދައިން އަހަރުގެ ބާކީ ހުރި ހުރިހާ މައްސަރެއްގައިވެސް ދީނީ އަޅުކަންތަކަށް ސަމާލުކަން ދިނުމަށް ޢަޒުމު ކަނޑައެޅުމަކީވެސް މި ފިޠުރު ޢީދު ދުވަހު އަޅުގަނޑުމެން ކޮންމެހެންވެސް ކުރާން ޖެހޭ ކަމެއް," ސިޔާމް ވިދާޅުވިއެވެ.
ޢީދުގެ އުފާ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް އަނިޔާއެއް ތަހައްމަލު ކުރާ މުސްލިމު އަޚުންނާއި އުޚްތުންގެ މަތިން ހަނދާން ނައްތާލުމަކީ ކުރެވޭނޭ ކަމެއް ނޫންކަން ސިޔާމް ފާހަގަކުރެއްވިއެވެ. އަދި ދުޢާއަކީ، އެ މީހުންނަށް ލިބެމުންދާ އަނިޔާއިން މިންޖުކުރައްވާ، މާތްﷲގެ ގަދަވެގެންވާ ނަޞްރަކުން ނަޞްރު ދެއްވުން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދުޢާއަކީ، ނިމިދިޔަ ރަމަޟާން މަހުގައި އަޅުގަނޑުމެން ހިފި ރޯދައިގެ ޘަވާބައި ދަރުމަ މާތްﷲ އަޅުގަނޑުމެންނަށް ދެއްވުން! އަދި އަޅުގަނޑުމެންގެ މުސްލިމް އުންމަތް އެކުވެރިކުރައްވާ، ފާގަތިކަންމަތީ ލެހެއްޓެވުން،" ސިޔާމް ވިދާޅުވިއެވެ.