އިތިއޯޕިއާގައި ކުޑަކުދިން ކައިވެނި ކުރުވުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން އެހެން ބުނީ، އިތިއޯޕިއާ، ސޯމާލިއާ، ކެންޔާ އަދި ޖިބޫޓީގެ ބައެއް ސަރަހައްދުތަކަށް ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ޔުނިސެފުން ބުނި ގޮތުގައި، އިތިއޯޕިއާގެ ގިނަ އަންހެން ކުދިން ޒުވާން އުމުރުގައި ކައިވެނިކުރުވަނީ އެކުދިންގެ މައިންބަފައިންނަށް ފިރިމީހާގެ އާއިލާގެ ފަރާތުން މާލީ އެހީ ލިބޭނެ ކަމުގެ އުންމީދުގައެވެ. އަދި އެ އަންހެން ކުދިންނަށް ފިރިމީހާގެ އާއިލާއިން ހިމާޔާތް ދޭނެކަމުގެ އުންމީދުގައެވެ.

ޔުނިސެފަށް މި ހަފްތާގައި ލިބުނު މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އޮގަސްޓް މަހާ ދެމެދު، 35 މިލިއަން މީހުން ދިރިއުޅޭ އޮރޯމިއާ ސަރަހައްދުގައި ކުޑަކުދިން ކައިވެނިކުރުވުމުގެ 672 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެ ޖަމުއިއްޔާއިން ބުންޏެވެ. އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހާއި މި އަހަރުގެ މާޗް މަހާ ދޭތެރޭ އެ އަދަދު 2,282އަށް އިތުރުވެފައިވާކަން ޔުނިސެފުން ފާހަގަކުރިއެވެ.

އިތިއޯޕިއާއަށް ދިމާވެފައިވާ ހަނަފަސްކަމުގެ މައްސަލައާ ގުޅިގެން ހަ ލައްކައަށް ވުރެ ގިނަ ކުދިން ސްކޫލުން ވަކިވެފައިވާކަން ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތެރިން ރަސެލް ފާހަގަކުރެއްވިއެވެ.

ރަސެލް ވިދާޅުވީ އަންހެން ކުދިންނަށް ތައުލީމު ހާސިލު ނުކުރެވި، ގެއިން ބޭރަށް ނުކުންނަން މަޖުބޫރުވުމުގެ ސަބަބުން ވަކި ޖިންސަކަށް ވީތީ ތަހައްމަލު ކުރަން ޖެހޭ އަނިޔާ އިތުރުވާ ކަމަށެވެ.

އިތިއޯޕިއާއަކީ ދުނިޔޭގެ ނިސްބަތުން ވެސް ކުޑަކުދިންގެ ކައިވެނީގެ މައްސަލަތައް އެންމެ ގިނަ އެއް ގައުމެކެވެ. އެގޮޮތުން، 2016 ވަނަ އަހަރުގެ ޑިމޮގްރަފިކް ޑޭޓާތަކަށް ބަލާއިރު، އެގައުމުގައި 40 ޕަސެންޓު އަންހެން ކުދިން 18 އަހަރު ފުރުމުގެ ކުރިން ކައިވެނި ކުރެއެވެ. އަދި 14 ޕަސެންޓު ކުދިން 15 އަހަރުވުމުގެ ކުރިން ކައިވެނިކުރެއެވެ.