މާދަމާއިން ފެށިގެން ސަރުކާރުގެ ރަސްމީ ގަޑި ހެނދުނު 8:00 އިން މެންދުރު ފަހު 3:00 ބަދަލު ކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ސަރުކާރުގެ ރަސްމީ ގަޑި ބަދަލު ކުރެއްވުމަށް ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލިހުގައި އެކަމާމެދު މަޝްވަރާކުރެއްވުމަށް ފަހު ވަޒީރުންގެ މަޖިލިހުން ނިންމުމާއި ގުޅިގެންކަމަށެވެ.

އައްބާސް ވިދާޅުވީ ސަރުކާރުގެ ރަސްމީ ގަޑި ހެދުނު 8:00 އިން ފެށިގެން މެންދުރު ފަހު 3:00 ބަދަލުކުރުމައި ގުޅިގެން ކުރިން ސަރުކާރުގެ މުއައްޒަފުންނަށް ލިބެމުން އައި އެއްގަޑިއިރުގެ ބްރޭކް މިހާރު ކުރިން ލިބުނުގޮތަށް ނުލިބުނު ނަމަވެސް މެންދުރު ކެއުމަށް 30 މިނިޓްގެ ހުސްވަގުތުކޮޅެއް ދިނުމަށާއި މި ހުސްވަގުތުކޮޅު، މެންދުރު 12.00 ން 12.30 އަށް ނުވަތަ 12.30 ން 1.00 އަށް ދިނުމަށާއި އަދި މުވައްޒަފުން މެންދުރުނަމާދު ކުރުމަށް މެންދުރު ނަމާދުގެ ވަގުތު ފާއިތުވުމުގެ ކުރިން 15 މިނިޓްގެ ހުސްވަގުތުކޮޅެއް ދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ބަދަލުކުރެއްވުމާ ބެހޭގޮތުން ސިވިލް ސަވިސް ކޮމިޝަނާއި ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ބައެއް ފަރާތްތަކާއި، ސިވިލް ސާވަންޓްސް އެސޯސިއޭޝަނާ ބައްދަލުކުރައްވައި، ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ މާދާމާއިން ފެށިގެން ސަރުކާރު މުވައްޒަފުން މަސައްކަތް ކުރާ ވަގުތަށް ގެނައި ބަދަލާއި ގުޅިގެން އެކަމަށް ހަދަން ޖެހޭ ބައެއް ގަވައިދުތައް ވަރަށް އަވަހަށް ސިވިލް ސާވިސް ކޮމިޝަނުން ހެދުމަށް ފަހު އެކަން އޮފީސްތަކަށް އަންގަވާނެ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެމަނިކުފާނުގެ ރަސްމީ ޓުވިޓާގައި ވިދާޅުވެފައި ވަނީ ރަސްމީ ގަޑިއަށް ގެނައި ބަދަލާ ގުޅިގެން ވަޒީފާ އަދާ ކުރާ މައިންނަށާއި ކިޔަވަމުން ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ފަސޭހަވެ ކުޅިވަރަށާއި ކަސްރަތާއި ސިއްހީ ހަރަކާތްތަކުގައި އިތުރަށް ބައިވެރިވެވުމުގެ މަގު ފަހުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ސަން އަށް އެގިފައިވާ ގޮތުގައި ސަރުކާރުގެ މުވައްޒަފުންގެ ގަޑި ބަދަލުކުރިއިރު މުއްވައްޒަފުންނަށް 30 މިނިޓްގެ ބްރޭކެއް ދޭން ސިވިލް ސާވިސް ކުރިން ރައީސް އޮފީހުން ވަނީ ލަފާ ދީފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާއ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ސަރުކާރުގެ ރަސްމީގަޑި ހެދުނު 8:00 ން ފެށިގެން ހަވީރު 4:00 ށް ބަދަލުކުރިއެވެ.