01 May 2022, 13:04
ހޮލީވުޑްގެ މަޝްހޫރު ތަރި އަދި އދ.ގެ މަންދޫބެއް ކަމަށްވާ އެންޖެލީނާ ޖޯލީ އިއްޔެ ޔޫކްރެއިންގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ލިވީވްއަށް ކުއްލި ދަތުރެއްކޮށްފިއެވެ.
ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ.ގެ އޭޖެންސީގައި ޚާއްޞަ މަންދޫބެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ޖޯލީގެ ދަތުރުގައި އޭނާ ވަނީ ޔޫކްރޭންގެ ހަނގުރާމައިގައި ޒަހަމްވި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހާލު ބަލައިފައެވެ. އަދި އޭނާ ވަނީ، ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު މީހުންނާ ބައްދަލުކޮށްފައި ކަމަށް ވެސް ލިވީވްގެ ރީޖަނަލް ގަވަރުނަރު މަކްސިމް ކޮޒިޓްސްކީ ވިދާޅުވިއެވެ.
ޖޯލީ ހާލު ބަލާފައި ވަނީ، މިދިޔަ މަހު ޔޫކްރޭންގެ ރެއިލްވޭ ސްޓޭޝަނަކަށް ދިން މިސައިލް ހަމަލާއެއްގައި ޒަހަމްވި މީހުންގެއެވެ.
ޔޫކްރެއިންގެ އިރުމަތީ ސިޓީއަށް ދިން މި ހަމަލާއަކީ ރަޝިއާގެ ހަމަލާތަކުން ސަލާމަތްވާން މަސައްކަތް ކުރި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއްކަމަށް ތުހުމަތުކޮށްފައިވާއިރު، މި ހަމަލާގައި 52 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.
ޖޯލީގެ ދަތުރުގައި އޭނާ ވަނީ ބޯޑިން ސްކޫލަކަށް ވެސް ޒިޔާރަތްކޮށް، ދަރިވަރުންނާ ވާހަކަ ދައްކައި، އެ ކުދިންނާ އެކު ފޮޓޯ ވެސް ނަގާފައެވެ. އަދި އޭނާ އެ ގައުމަށް ފަހުން ވެސް ދާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަަމަށް ރިޕޯޓުތަކުގައިވެއެވެ.
މީގެ އިތުރުން ޖޯލީ ވަނީ ލިވީވްގެ ސެންޓްރަލް ރެއިލްވޭ ސްޓޭޝަނަށް ދާ މީހުންނަށް ސިއްހީ އެހީތެރިކަމާއި ކައުންސެލިންގެ އެހީތެރިކަން ފޯރުކޮށްދޭ ޔޫކްރެއިންގެ ވޮލަންޓިއަރުންނާ ވެސް ބައްދަލުކޮށްފައެވެ.