01 May 2022, 10:34
އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ކްރިކެޓް ބޯޑަށް މިލިއަނެއްހާ ރުފިޔާގެ ކުޅޭ ސާމާނު ހަދިޔާކޮށްފިއެވެ.
މި ތަކެއްޗާ ހަވާލުވުމަށް އިއްޔެ ކުޅިވަރު އެކުވެނީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް، ފައިސަލް ނަސީމުގެ އިތުރުން ކުޅިވަރު ވަޒީރު އަޙްމަދު މަހްލޫފް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފު ވަނީ އިންޑިއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ވެވަޑައިގަންނަމުން އަންނަ އެހީތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، އިންޑިއާއިން ދޫކުރި 40 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުން ވީ ފައިދާ އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާއިން ރާއްޖެއަށް ކްރިކެޓް ސާމާނު ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފް ވާހަކަދައްކަވަނީ ---
ސަފީރު މަހާވަރުގެ ވާހަކަފުޅުގައި ވިދާޅުވީ މި ހަދިޔާއަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ރަމްޒެއް ކަމުގައެވެ. އަދި، މި ސާމާނުގެ ސަބަބުން ރާއްޖޭގައި ކްރިކެޓް އިތުރަށް ތަރައްގީވުމަށް މަގުފަހި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ކުޅިވަރު ވަޒީރު އަނޫރާގް ތާކޫރްގެ ވީޑިއޯ މެސެޖެއް ވެސް ވަނީ ދައްކާފައެވެ. އޭނާގެ މެސެޖުގައި ވަނީ މި ހަދިޔާގެ ޒަރީއާއިން ރާއްޖޭގައި ކުޅިވަރުގެ ސަގާފަތެއް އުފެދުމަށާއި، ދުޅަހެޔޮ ދިރިއުޅުމެއް ބިނާ ކުރުމަށް އެހީތެރިވާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
އިންޑިއާއިން އަންނަނީ ރާއްޖޭގައި ކްރިކެޓް ތަރައްގީކުރުމަށް ގިނަ އެހީތަކެއް ވަމުންނެވެ. އެގޮތުން، ރާއްޖޭގެ ގައުމީ ޓީމުތައް އިންޑިއާގެ ޗެންނާއީގައި ހުންނަ ސެންޓާ ފޯ ސްޕޯޓްސް ސައިންސުން ތަމްރީނުކުރުމުގެ މަޝްވަރާތައް ވެސް ކުރެވިފައިވެއެވެ.