01 May 2022, 12:36
ޕީޕީއެމް އޮފީސް އިމާރާތުގެ ބޭރުގައި "އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ގޮތަށް، 40 ފޫޓުގެ ބޮޑު ބެނާއެއް އަނެއްކާ ވެސް އެލުވައިފިއެވެ.
ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފަ ގޭގެ ހަތަރު ވަނަ ފަންގިފިލާގެ ބޭރުގައި އެއާޕޯޓަށް ވެސް ފެންނާނޭހެން އެލުވާފައިވާ މި ބޮޑު ބެނާގެ ދިގުމިނުގައި 40 ފޫޓު ހުރިއިރު ފުޅާ މިނުގައި ހުރީ 12 ފޫޓެވެ.
އެ ބެނާގައި ވެސް އިންޑިއާގެ ދިދަ ކުރަހާފައިވާއިރު، ދިދައިގެ މެދުގައި ފަލަ އަކުރުން ލިޔެފައިވަނީ "އައުޓް' މިހެންނެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގާ ތަފާތު އެކި ހަރަކާތްތަކުގެ ތެރެއަށް، ތަންތަނުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ބެނާތައް އެލުވުމާ އަދި ގޭގޭ ފާރުގައި ގްރެފިޓީ ކުރެހުމުގެ މަސައްކަތް މިފަހުން ވަނީ އިތުރު ކޮށްފައެވެ.
އެގޮތުން ރަށްދެބައި ހިނގުމުގައި ހުންނަ ގ. ގްރީން ބީންސް ގޭގެ ބޭރުގައި މިހާރު ވެސް ވަނީ "އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ގޮތަށް ގްރެފިޓީއެއް ކުރަހާފައެވެ. އަދި އަލިކިލެގެފާނު މަގުގައި ހުންނަ ގ. ނޫފަރުގޭގެ ބޭރު ފާރުގައި ވެސް ވަނީ ހަމަ އެފަދަ ގްރެފިޓީތައް ކުރަހާފައެވެ.

ގ. ގްރީން ބީންސް ގޭ ބޭރުގައި ކުރަހާފައިވާ ގްރެފިޓީ -- ސަން ފޮޓޯ
"އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ގޮތަށް އަކުރު ބަދަލުކޮށްގެން ހ. ސިލްވާ ވޭވްގައި ވެސް ބެނާއެއް ދެމިއެވެ. އެ ބެނާގައި ލިޔެފައި ވަނީ "IN DEAR OUT" މި ފަދައިންނެވެ.
މީގެ އިތުރުން ހެންވޭރުގައި ރައީސް ޔާމީން ދިރިއުޅުއްވައި ގެކޮޅު ކަމުގައިވާ ހ. ދޫވެއްސާ އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ގޭގެ ބޭރުގައި "އިންޑިއާ އައުޓް" ބެނާތައް ދެމިއެވެ. ނަމަވެސް މި ހުރިހާ ބެނާތަކެއް ވެސް ފުލުހުން މިހާރު ވަނީ ނަގާފައެވެ.
އެ ބެނާތައް ފުލުހުން ނަގާފައިވީ ނަމަވެސް ގްރީން ބީންސް ގެ އާއި ނޫފަރު ގޭގެ ބޭރު ފާރުގައި ކުރަހާފައިވާ "އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ގްރެފިޓީ ތަކަށް ވަކި ގޮތެއް އަދި ނުނިންމައެވެ. އެ ގެތަކަށް ފުލުހުން ގޮސް ގޭ ވެރިފަރާތުގެ ނަން ނޯޓް ކުރުން ފިޔަވައި އިތުރު އެހެން ކަމެއް ކޮށްފައެއް ނުވެއެވެ.

ގ. ނޫފަރު ގޭ ބޭރުގައި ކުރަހާފައިވާ ގްރްފިޓީ -- ފޮޓޯ/ ސަން
ޕީޕީއެމުން އިސް ނަގައިގެން ތަންތަނުގައި ހަރުކުރާ ބެނާތައް ދިވެހި ފުލުހުން ނަގަމުން އަންނައިރު، އެ ޕާޓީން ބުނަމުން އަންނަނީ އިންޑިއާ ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ތިބިހާ ދުވަހަކު މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ޝިއާރު އަންނާނީ އިތުރުވަމުން ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އެއްވެސް ހަރަކާތައް ހިންގުން މަނާކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤަރާރެއް ނެރުއްވާފައިވާއިރު، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވީ ޤާނޫނަކުން ބޮލަށް ބަޑި ޖަހަން ފެށިޔަސް އިންޑިއާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތްތައް ދިވެހީން ހުއްޓައެއް ނުލާނެ ކަމަށެވެ.