01 May 2022, 12:44
ސިޔާމް ވޯލްޑް ރިސޯޓުން، ނ. ކުޑަފަރީގެ އަންހެނުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޓަކައި، އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
އެ ރަށު އަންހެނުންގެ ކޮމިޓީން އެ ރިސޯޓާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 1.6 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ރަށުގެ އަންހެނުންނަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ކުޑަފަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ މިލްހާނާ އިބްރާހިމް "ސަން"އަށް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު ވެސް، އެ ރިސޯޓަށް 2500 ރޮށި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމައެހެންމެ ކޮންމެ ހުކުރު ދުވަހަކު ހެދިކާ ފޯރުކޮށްދިނުމުގެ އިތުރުން ކޮންމެ ހުކުރު ދުވަހުގެ ރޭ އޮންނަ "މޯލްޑީވިއަން ނައިޓް"ގައި ވެސް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށް މިލްހާނާ ވިދާޅުވިއެވެ.
މި މަސައްކަތުގައި އެ ރަށުގެ 30 އަށް ވުރެ ގިނަ އަންހެނުން ބައިވެރިވާއިރު، ކޮންމެ މީހަކަށް މަހަކު 3900 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް މިލްހާނާ ވިދާޅުވިއެވެ.

ސިޔާމް ވޯލްޑް ރިސޯޓުން ވަނީ ނ. ކުޑަފަރީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ -- ފޮޓޯ/ މުޙައްމަދު ހައްޔާން
ސިޔާމް ވޯލްޑާއެކު ހަދައިފައިވާ ދެވަނަ އެއްބަސްވުމަކީ "ޑޭ ޖޮބް" އުސޫލުން ރިސޯޓަށް ގޮސް، ރިސޯޓުގައި މަސައްކަތް ކުރުމުގެ ފުރުސަތު އަންހެނުންނަށް ހޯދައިދިނުމަށް ހަދައިފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން 15 މީހަކަށް ފުރުސަތު ދެވިފައިވާއިރު، އަހަރަކު ޖުމްލަ 1.4 މިލިއަން ރުފިޔާގެ އާމްދަނީއެއް މި އެންމެނަށް ލިބިގެން ދާނެއެވެ.
"ރިސޯޓުގެ ކުނި ކެހުމުގެ މަސައްކަތް ވެސް ކުރަމުން އަންނަނީ ރަށުގެ އަންހެނުން، މިހާރު އެ ކަމަށް ތިން މަސް ވެއްޖެ، މި ކަމުގައި ވެސް ފިރިހެނުންނަށް ވުރެ ގިނައިން މަސައްކަތް ކުރަމުން އަންނަނީ އަންހެން ބޭފުޅުން،" މިލްހާނާ ވިދާޅުވިއެވެ.
މިލްހާނާ ވިދާޅުވީ ސިޔާމް ވޯލްޑުން ފަހިކޮށްދިން ފުރުސަތުތަކުގެ ސަބަބުން ރަށުގެ އަންހެނުންގެ ފުދުންތެރިކަން އިތުރުވެ، މާލީ ހާލަތު ރަނގަޅުވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން ހަގީގަތުގައި މިއަދު ވަރަށް އުފާވެފައި މިތިބީ، މިއަދާ ހަަމައަށް ވަރަށް މަސައްކަތް ކޮށްފީން އެކި ފަރާތްތަކަށް ގުޅައިގެން މިފަދަ މަސައްކަތެއް އަންހެނުންނަށް ހޯދައިދިނުމަށް، އެތައް މަސައްކަތަކަށް ފަހު އަޅުގަނޑުމެންގެ އަމިއްލަ ރަށަށް އުފަން ދަރިއެއް، އަދި ރަށުގެ ލޯބި އެހާ ބޮޑަށް ލިބިފައިވާ ބޭފުޅެއް އަޙުމަދު ސިޔާމް މުޙައްމަދުގެ ރިސޯޓަކުން މިފަދަ ފުރުސަތެއް މި ލިބިގެން ދިޔައީ، ސިޔާމަކީ އެންމެ ކުރިންސުރެ ވެސް ރަށަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ބޭފުޅެއް،" މިލްހާނާ ވިދާޅުވިއެވެ.
ސިޔާމް ވޯލްޑް ރިސޯޓަށް ލިބޭ ފައިސާގެ ބޮޑު ޕަސެންޓޭޖަކުން، ކުޑަފަރީގެ އަންހެނުންނަށާއި ދަތި ހާލުގައި ތިބި މީހުންނަށް އެހީވަމުން ގެންދަވާތީ މިލްހާނާ ވަނީ ސިޔާމް ވޯލްޑްގެ ޗެއާމަން ސިޔާމަށް ޚާއްޞަ ޝުކުރެއް އަދާކުރައްވައިފައެވެ.
"ހަގީގަތުގައި އެ ބޭފުޅާއަށް އަޅުގަނޑުމެން ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގެ، ވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެ ބޭފުޅާ ވަމުން ގެންދަވާ ދީލަތި އެހީތަކަށް ޓަކައި،" މިލްހާނާ ވިދާޅުވިއެވެ.

ސިޔާމް ވޯލްޑް ރިސޯޓުން ވަނީ ނ. ކުޑަފަރީގެ އަންހެނުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތަކެއް ފަހިކޮށްދީފަ -- ފޮޓޯ/ މުޙައްމަދު ހައްޔާން
މިލްހާނާ ވަނީ މި ހުރިހާ ކަމެއްގައި ވެސް ކައުންސިލްގެ ރައީސް ޢަލީ ޝަމީމް މުޙައްމަދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން ދިޔަ ކަން ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅިގެން ޝަމީމް "ސަން"އަށް ވިދާޅުވީ ލޯކަލް ކައުންސިލްގެ ގާނޫނުގެ ދަށުން އަންހެނުންގެ ކޮމިޓީގެ ހަތަރު މެންޑޭޓެއް އޮންނަ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ އަންހެނުންނަށް ވަޒީފާގެ ފުރުސަތާއި މާލީ ފުރުސަތުތައް ތަނަވަސް ކޮށްދިނުން ކަމަށެވެ.
ސިޔާމް ވޯލްޑުން ތަނަވަސް ކޮށްދިން މި ފުރުސަތުތަކާއެކު ރަށުގެ 45އަށް ވުރެ ގިނަ އަންހެނުންނަށް ކުރިއަށް އޮތް އެއް އަހަރު ދުވަހު އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެ އެއްބަސްވުންތަކާ ބެހޭ ގޮތުން ސިޔާމް ވޯލްޑުގެ ޖެނެރަލް މެނޭޖަރު ޢަބްދުﷲ ތަމްހީދު ވިދާޅުވީ ކުޑަފަރީގެ ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ ޗެއާމަން ސިޔާމްގެ އެދިލެއްވުމުގެ މަތިން ކަމަށެވެ.
އެ އެއްބަސްވުންތަކުގެ ސަބަބުން މުޅި ރަށުގެ އާމްދަނީ އިތުރުވާނެކަން ފާހަގަކުރައްވައި ތަމްހީދު ވިދާޅުވީ، އެ ފުރުސަތުތައް އިތުރު މީހުންނަށް ދިނުމުގެ ވިސްނުން ވެސް ޗެއާމަން ގެންގުޅުއްވާ ކަމަށެވެ.
"މިހާރު އަދި މަސައްކަތްތައް ފެށުނީ. މަސައްކަތްތައް ދާ ގޮތަށް ބަލާފަ އަދި އެހެން ރަށްތަކަށް ވެސް ފުރުސަތު ދޭން ވިސްނުން އެބަހުރި. ޗެއާމަންގެ ވިސްނުންފުޅަކީ ނ. އަތޮޅުގެ ރަށްތަކަށް އަދި އެހެން ރަށްތަކަށް ވެސް ފުރުސަތު ދިނުން،" ތަމްހީދު ވިދާޅުވިއެވެ.