30 Apr 2022, 20:53
މާދަމާއަކީ ރޯދަ މަހުގެ ފަހު ދުވަސް ކަމާއި އަންނަ ހޯމަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިއެވެ.
މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ބައްދަލުވުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އިއްވެވި ބަޔާނުގައި ވިދާޅުވީ މިއަދު އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ރަށަކަށް ވެސް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ސާބިތުވެފައިވާ ކަމުގެ ރަސްމީ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ހަނދު ސާބިތުކުރަން ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެމަތިން މާދަކާ އަކީ ރޯދަ މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ޖެހިގެން އަންނަ ހޯމަ ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވަމެވެ،"